މިފެށޭ 2025 ވަނަ އަހަރަކީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އައު ގިނަ ކަންތައްތަކެއް ފަށާނެ އަހަރަކަށް ވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިއްޔެ ރޭ ބޭއްވުނު 2025 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި، ރިސާލަތު ޕްރޮގްރާމް 2025 އަދި ނަމާދު މަތިވެރިކުރުމުގެ ޕްރޮގްރާމް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި، އަންނަ އަހަރު ވަޤުފް އިމާރާތްތައް އާރާސްތުކޮށް ރާއްޖޭގައި ޒަކާތު ހައުސްގެ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ. އަދި “ނަމާދު” މަޝްރޫޢުގެ ދަށުން އެކި ޕްރޮގްރާމްތައް ގެނެސްދިނުމާއި ގެތަކަށް އިލްމުވެރިން ޒިޔާރަތްކޮށް ހޭލުންތެރިކުރުވުންެރިކުރުވުން ހިމެނޭކަމަށްވެސް ވިދާޅުވިއެވެ.
“ނަމާދުގެ މަޝްރޫޢު ޤާއިމްކޮށްފައި މިއޮތީ ވަރަށް ތަފާތު ގޮތަކަށް. ފިޤުހީ ވާހަކަތަކުގެ އިތުރަށް ނަމަދުކުރުމަށް ހަނދާންކޮށްދިނުމާއި ނަމާދުގައި ހިމެނޭ ދުޢާތަކުގެ މާނަތައް މީހުންނަށް ދަސްކޮށްދިނުން، އަދި ނަމާދުގައި ހިމެނޭ މާތްﷲ ގެ އިސްމަފުޅުތަކުގެ މާނާ މީހުންނަށް ކިޔައިދިނުން ހިމެނޭނެ.” ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، 2025 ވަނަ އަހަރުގެ ރިސާލާތު ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ އިސްލާމީ އަޚްލާގު ރާއްޖޭގައި ފެތުރުމުގެ މައްޗަށްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އިސްލާމްދީނުގެ އެންމެ މަތިވެރި 5 މަޤްޞަދުގެ އަލީގައިކަންވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރިސާލަތު ވީޑިއޯ ޗެލެންޖުގައި ބައިވެރިވި 281 މީހުންގެތެރެއިން ދިވެހި އަދި އިނގިރޭސި ކެޓަގަރީން ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދެވުނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ދަށުން، އިސްލާމީ ނޫރު ފަތުރާ، ދީނަށް ލޯބިކުރާ މުޖުތަމަޢުއެއް އުފެއްދުމުގެ މަޤްޞަދުގައި އިސްލާމީ ކަންތައްތަކާބެހޭ ވކާބެހޭ ވުޒާރާއިން ފަށާފައިވާ ރިސާލަތު ޕްރޮގްރާމަކީ މި އަހަރު އެންމެ އިސްކަންދީގެން ކުރިއަށް ގެންދިޔަ އެއް ޕްރޮގްރާމެވެ.

