ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީގެ އޮފިޝަލަކު މިއަދު ދެއްވި މަޢުލޫމާތުގައި ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މަތީގެ ސްޓަރަކްޗަރ ފްރޭމްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ރޫފިން ޝިންގަލްސް އިންސްޓޯލް ކުރުމާއި، ސީލިން ފްރޭމްވޯކް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
އަލުން ތަރައްގީ ކުރާ ރަސްމީ ފާލަމަކީ ދިވެހިންގެ ޤައުމިއްޔަތާއި ސަޤާފަތް ރަމްޒުކޮށްދޭ ގިނަ ދުވަހު ބޭނުންކުރެވޭ ފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވިއެވެ.
މި މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި ސްޓީކް ސްޓްރަކްޗަރ ފަރުމާކުރުމާއި ލަކުޑި އަދި މަތިވަޑައިމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 11.7 މިލިއަން ރުފިޔާއަށް 270 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ.
ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލެއަށް ފައިބައިވަޑައިގަތުމަށް ބޭނުން ކުރައްވާ އިއްޒުއްދީން ފާލަމަކީ ދިވެހި ޖުމްހޫރިއްޔާގެ އިއްޒަތާއި ސިޔާދަތާއި ދިވެހިންގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މުހިންމު ބިނާއެކެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް އިއްޒުއްދީން ފާލަން އެންމެ ފަހުން ތަރައްގީކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އޭރު ފާލަން ފަރުމާ ކުރީ އިހުޒަމާނުގައި ދަތުރުފަތުރު ކުރުމަށް ބޭނުން ކުރި އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއްގެ ގޮތުގައި ބަލައިގެންނެވެ.

