މާލެ ސިޓީ ކައުންސިލުން ހުޅުމާލެ ސަހަރާ ބޮޑު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހުޅުމާލެ ސަހަރާގެ ބިމަކީ ކުރިން ވެސް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ބިމެއް ކަމާއި ސަހަރާ ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން ސަހަރާގެ ދެކުނަށް އޮތް ބިމުގެ ވިނަ ނޮޅާ ސާފުކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން މީޑިއާ އަކަށް މައުލޫމާތު ދެމުން ބުނީ، މިހާރު ބޭނުންކުރަމުންދާ ސަހަރާގެ ބިން ނުފުރޭ ކަމަށެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލުން ދަނީ މާފަންނު ސަހަރާގެ ހުރިހާ މަހާނަ ގާތަކާއި މިނި ކަށިތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މާފަންނު ސަހަރާ ހުސްކުރަނީ އެތަނުގައި ސަރުކާރުން ޕާކިން ބިލްޑިންއެއް އެޅުމަށް ރޭވިފައިވާތީ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އަމިއްލަ ތަކެތީގައި މަސައްކަތްކޮށް، މާފަންނު ސަހަރާ ހުސްކޮށް ސާފުކުރުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް މިދިޔަ އޮގަސްޓުމަހު ކައުންސިލުން ވަނީ ބީލަމަށް ހުޅުވާލާފައެވެ.

