ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން 20 ރަށެއްގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޑަބްލިޔުއެސްސީ އިން ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން 5 ރަށެއްގައި ފެނުގެ ނިޒާމު އަދި 15 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ވަނީ ޤާއިމްކުރެވިފައެވެ.
ފެނުގެ ނިޒާމު ޤާއިމްކުރެވުނު ރަށްތަކުގެ ތެރޭގައި ހއ. މުރައިދޫ، ށ. ފީވައް، ނ. ހެނބަދޫ، ރ. އިންނަމާދޫ އަދި އއ. މަތިވެރި ހިމެނެއެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރެވުނު ރަށްތަކުގެ ތެރޭގައި ހއ. ވަށަފަރު، ހއ. މާރަންދޫ، ހއ. ތަކަންދޫ، ހދ. ހިރިމަރަދޫ، ހދ. ކުމުންދޫ، ށ. ގޮއިދޫ، ނ. މާފަރު، ނ. ފޮއްދޫ، ރ. ފައިނު، ބ. ކަމަދޫ، ބ. މާޅޮސް، ޅ. އޮޅުވެލިފުށި، އދ. ކުނބުރުދޫ، އއ. ހިމަންދޫ އަދި އއ. ފެރިދޫ ހިމެނެއެވެ.
މި މަޝްރޫޢުތަކުގެ ދަށުން، ކޮންމެ ރަށެއްގައިވެސް ފެން ޕްލާންޓް، ފެސިލިޓީ ބިލްޑިންގ، ފެން ރައްކާކުރާ ތާންގީ، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކް އަދި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ޤާއިމްކުރެވިފައިވެއެވެ. މީގެ އިތުރުން، ނަރުދަމާ ނިޒާމުގެ ޕަންޕިންގ ސްޓޭޝަންތަކާއި، ސީ އައުޓްފޯލް އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުތަކަށް ސަރުކާރުން 1.34 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެމްޑަބްލިޔުއެސްސީން މަޢުލޫމާތު ދީފައިވެއެވެ.

