މި ފެށުނު 2025 ވަނަ އަހަރަކީ މިދިޔަ އަހަރަށް ވުރެ ނިޔާމަ އަހަރަކަށްވުމަކީ އުންމީދެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
އާ އަހަރުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު މިފަދައިން ދުޢާ ކުރައްވައި، މިގޮތަށް ވިދާޅުވީ ފޭސްބުކްގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ 2024 ވަނަ އަހަރަކީ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނު، ގޮންޖެހުން ބޮޑު އަހަރެއް ކަ އަހަރެއް ކަމަށެވެ. ނަމަވެސް، މިއިން ކޮންމެ ދަތި ނިންމުމެއް ވެސް ނިންމީ ރައްޔިތުންގެ ހައްގުަގައި އަދި ރާއްޖޭގެ ފައިދާއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ކުރު މުއްދަތުގައި ކުދިކުދި ދަތިތަކެއް ކުރިމަތިވި ނަމަވެސް ދިގު މުއްދަތުގައި އެންމެންނަށް ފައިދާ ކުރާނެ. އިރާދަކުރެއްވިއްޔާ މި ނިންމުންތަކުގެ ފޮނި މީރުކަން އިސާހިތަކު ފެންނަން ފަށާނެ. ތިޔަ އެންމެހާ ރައްޔިތުންނަށް މިކަންކަމުގެ ލާބައާއި މަންފާ ލިބެން ފަށާނެ.” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ކެރިފޯރުންތެރިކަން އިތުރުވެ، އިގްތިސާދީ ގޮތުން ވަރުގަދަ، އަދި މިހާރަށް ވުރެ ބަދަހި މުޖުތަމައެއް ގާއިމުވާނެ އަހަރަކަށް ވުމަކީ އުންމީދެކެވެ. އެކުވެރިކަމާއި އާއިލީ ގުޅުންތައް ވަރުގަދަވެ، އެކަކު އަނެކާއަށް ހެޔޮ އަމަލުކުރުމަށް ބާރުއަޅާ އަހުލާގެއް ދިވެހީންގެ ތެރޭގައި އާލާވުމަކީ ވެސް އުންމީދެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ޑރ. މުއިއްޒު “އެކްސް” ގައި ވިދާޅުވީ އަންނަ އަހަރު ވެގެން ދާނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ތަރައްގީގެ އެކި މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތަކުގެ އަހަރަކަށް ކަމަށެވެ. އިގްތިސާދީ މަސައްކަތްތައް ފުޅާ ކުރެވި، ފުދުންތެރިކަން އިތުރު ކުރެވި، މަސައްކަތްތެރިންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާ އަހަރަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“މި ފެށޭ އާ އަހަރަކީ ދިވެހިރާއްޖެއަށާއި ދިވެހީންނަށް ނިޔާމަ އަދި ފާގަތި އަހަރަކަށް ވުމަށް އެދި ދުއާކުރަން.” ރައީސް ވިދާޅުވިއެވެ.

