މި ފެށުނު 2025 ވަނަ އަހަރު ދިވެހި ޤައުމުގެ ފާގަތިކަމަށް ކޮންމެ ދިވެއްސަކުވެސް ގަދައަޅާ މަސައްކަތްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ މި ފެށުނު 2025 ވަނަ އަހަރުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓުގައެވެ.
މީލާދީ އައު އަހަރުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ މިފެށުނު މީލާދީ އާ އަހަރުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި އެންމެހާ ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
މަޖިލިސް ރައީސް ވަނީ 2025 ވަނަ އަހަރު ކޮންމެ މީހަކުވެސް އާ ޢަޒުމަކާއި ހިތްވަރަކާއެކު ދިވެހި ޤައުމަށް ފާގަތިކަމާއި ކުރިއެރުމާއި އަރުތަ ހާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދިވެހީންނަށް އުފާފާގަތި، ފުދުންތެރި މުސްތަޤުބަލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ޢަބްދުއްރަޙީމްގެ ޕޯސްޓުގައި ފާހަގަކުރެއްވިއެވެ.

