ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ ފަތުރުވެރިކަމަކީ މިހާރު ދުނިޔެއަށް މިސާލެއް ކަމަށް، ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އިއްޔެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުނު ފަތުރުވެރިކަމުގެ ކާމިޔާބީ ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ޕީއެސްއެމްއަށް ދެއްވި ބަސްތީގަތުމެއްގައެވެ.
މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ވަޒީރު ފައިޞަލް ވަނީ 2024 ވަނަ އަހަރު ފަތުރުވެރިކަމުން ހޯދި ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އެގޮތުން 2024 ގެ ފެބްރުއަރީ މަހަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަސްކަން ފާހަގަކުރެއްވިއެވެ. އަދި ޑިސެމްބަރު މަހަކީ ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަސްކަން މިހާރު ހުރި ތަފާސްހިސާބުތަކުން ދައްކާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފައިޞަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން 2024 ވަނަ އަހަރު ދުނިޔޭގެ އެންމެ މަޤުބޫލު މަންޒިލުގެ އެވޯޑު 5 ވަނަ ފަހަރަށް ހޯދާފައިވެއެވެ. މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ، “ވޯލްޑް ލީޑިންގް ޑެސްޓިނޭޝަން އެވޯޑު 5 ފަހަރު ދެމެހެއްޓޭނީ ދުނިޔޭގެ ފަތުރުވެރިންގެ ސަމާލުކަން ދިވެހިރާއްޖެއަށް ހުރީމަ. މޯލްޑިވްސްއަކީ މިހާރު ބްރޭންޑެއް. މި ކޮޕީ އެބަކުރޭ ވަރަށް ގިނަ ޤައުމުތަކުން. އެއީ ރާއްޖެއަށް ލިބޭ ޝަރަފެއް” މިފަދައިންނެވެ.
ވަޒީރު ފައިޞަލް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އުފާ ފާގަތި މުސްތަޤުބަލެއް އޮތްކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް، ގޮންޖެހުންތަކެއް ހުރިކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ހަރަކާތްތަކުގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

