ސުނީތާ އަލީ އަކީ ދިވެހިންނާ ވަރަށް ބޮޑަށް ރައްޓެހި ރަހުމަތްތެރި ފަންނާނެކެވެ. ގިނަ އަހަރުތަކެއްވީއިރު އަދިވެސް ފަންނާނުންގެ އުދަރެހުން ފަނޑުނުވެ ދުވަހެއް ދުވަހަކަށް އަލިގަދަ ވަމުން އަންނަ ތަރިއެކެވެ. އާދައިގެ "އިންސްޓަންޓް" ޑާންސަރަކުން، ފިލްމީދާއިރާގައި އެޅި ފިޔަވަޅުގައި ސާބިތުވެ ހުރެ ވީޑިއޯ ލަވަތައް ކުޅެމުން ކޮންމެވެސް ވަރަކަށް ޑްރާމާ، ފިލްމުތަކުން ވެސް ފެނުނު ސުނީތާ، ނުވަތަ ސުނީގެ ތައާރަފަކަށް ދާނަމަ ދައްކަން މިއުޅޭ ވާހަކައާ ހިސާބަށް ދެވޭނީ މާބޮޑަށްވެސް ލަހުންނެވެ، އެހެންވީމަ އެވާހަކަ ކޮންމެވެސް އެހެންދުވަހެއްގެ އެހެން ވަގުތެއްގައި ދައްކަން މަޑުކޮށްލަމާތޯއެވެ.
ސުނީގެ އައުއަހަރުގެ ހަދިޔާ ވެގެން ދިޔައީ ހަމަ ހަގީގީ ސަޕްރައިޒަކަށެވެ. މިއީ ހިތާނީ މޫސުން ކަމަށްވާތީވެ، ވަރަށް ބުރަކޮށް ހިތާނީ ޝޯވތައް ނަގަމުން ދާއިރުވެސް ވިޔަފާރީގެ ކަންތައްތައްވެސް ސުނީ ދަނީ ބަލަހައްޓަމުންނެވެ.
އަހަރު ނިމޭ ހިތާނީ ޝޯވ ނިމުނުތަނާހެން ސުނީއަށް އައީ ކުއްލި ހުށަހެޅުމެެކެވެ. ހިތަށްވެސާ ނާރައި ވިސްނާލެވިފައި ނުވާކަމެއްގެ ވާހަކަ ކުއްލިއަކަށް އިވުމުން އަމިއްލައަށް މިހުރެވެނީ ހޭލައިތޯ ސުވާލު އުފެދޭނެއެވެ.
"އިހަށްރޭގެ ހިތާނީޝޯ އަކުން ދިމާވި މީހެއް. ޕްރިޔަންކާގެ މޭރީ ކޮމްގެ ވާހަކަ އަހާލީ، އެއީ މަށަށް އެންމެ ކަމުދާ ފިލްމުގެ ވާހަކަވިއްޔަ، އެމީހާ ބުނީ ތިމަންގެ ވިސްނުމެކޭ މެރީކޮމް ދިވެހި ފިލްމެއް ހެދުމަކީ، އެކަމަކު ސުނީ މެރީކޮމްގެ ރޯލު، މިބުނީ ޕްރިޔަންކާގެ ރޯލު ކުޅޭނެ ނަމައޭ، އެހެންވެއްޖެނަމަ ތިމަން މިހިރީ ފިލްމަށް އިންވެސްޓު ހަމަޖައްސައި، މަސައްކަތް ފަށަން ތައްޔާރަށޭ،"
"އެވާހަކަ އަޑުއިވުނީމަ އަސްލު ސަރޕްރައިޒްވީ. އެއީ މޭރީ ކޮމްއަކީ ތަފާތު ފިލްމަކަށްވެފައި އޭގައި ޕްރިޔަންކާ އެދައްކާ ރޯލު، މޭރީގެ ހަގީގީ ދިރިއުޅުމުގެ ވާހަކައާ މަގޭ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅޭތީ، މަގޭ ލައިފްގައި ކަންކަން މާޒީވެފައިވާ ގޮތާ މޭރީ ކޮމް އާ ގުޅުން ހުންނާތީވެ އިންޓްރަސްޓް އުފެދުނީ، އެހާ ފަސޭހައިން އާނއެކޭ ބުނެވުނީ މިދެންނެވި އެތައް ކަމެއް އޮތީމަ،" ސުނީ ބުނިގޮތުގައި އެފިލްމަކީ އެތައް ގޮތަކުން ވަރަށްވެސް ބޮޑަށް ހާއްސަ ފިލްމެއް ކަމަށެވެ.
ސުނީ ހުވަދޫމީޑިއާއަށް ވަށް ކިޔައިދެމުން ބުންޏެވެ. "އެއީ މަގޭވެސް އެންމެ ބޮޑު ހުވަފެން، މޭރީ ކޮމްގެއަކީ ޕްރިޔަންކާއަށްވެސް ވަަރަށް ހާއްސަ ފިލްމެއް، އަބަދުވެސް އުއްމީދު ކުރަމުން އައީ އެފިލްމު ކުޅުމަށް، އަސްލުވެސް މިއަށް ވުރެ ވަކިން ހާއްސަ ބޮޑު އައުއަހަރުގެ ހަދިޔާއެއް ނުލިބޭނެ، މިި 2025 މިފެށުނީ މަށަށް ވަރަށްވަރަށް ރަނގަޅު ފެށުމަކުން،"
ސުނީ ކިޔައިދިން ގޮތުގައި، މިއީ އެއްބަސްވުމަކަށް ބަދަލުކޮށްލެވުނު ސަލާމެކެވެ. ދެން ހުރި ހަގީގީ މަސައްކަތްތައް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ބުނި ނަމަވެސް މިވަގުތު އަދި އެއްވެސް ތަފުސީލެއް ހާމަކުރެވޭ ވަރަށްވުރެ މާބޮަށްވެސް އަވަސް ކަމަށް ސުނީ ބުންޏެވެ.
"އަދި ކިރިޔާ އިހަށްރޭ ދެއްކުނު ވާހަަކައެއް މީ، އަނގަބަހުން ވެވުނު އެއްބަސްވުމެއް، ބާކީ ކަންކަން ކުުރަން ފަށައި ކުރިއަށްދާ ހިސާބުން ހާމަކުރާނެ،"
ކޮންމެއަކަސް މިއީ އިންތިހާއަށް އުފާވެރި ހަބަރެއް އެހެން ނޫންތޯއެވެ.
ސުނީއަށް މޭރީ ކޮމް ގެ ރޯލު ނުހަނު ފުރިހަމައަށް އަދާކުރެވޭނެ ކަމުގެ އުއްމީދާއެކު ހުވަދޫމީޑިއާއިން އެދެނީ ސުނީގެ އެހެނިހެން ހުވަފެންތަކަށްވެސް ފުރިހަމަ ނަލަނަލަ ކުލަތައް ޖެހި ސީދާ ވެފައިވާ ގޮތަށް މި ހަވާސާ އެޅުނު ވާހަކައިގެ ހުރިހާ ބާބެއްވެސް އެންމެ ފުރިހަމަ ގޮތެއްގައި ކާމިޔާބު ވެގެން ދިއުމެވެ.
========= ==========

