ގދ. ތިނަދޫ ނޫރަލިއާގެ މަރިޔަމް ޝަނީން މުހައްމަދު އަކީ ކުޑައިރުއްސުރެ ގިނަ އަދަދެއްގެ ކާއެއްޗެއްސާއި ބޭހަށް އެލާޖިކްވާ ކުއްޖެކެވެ. ތަދުކަނޑުވާ ބޭސް ހިމެނޭހެން ގިނަ ވައްތަރެއްގެ ބޭސް ބޭނުން ނުކުރެވޭތީ އެލާޖިކްވާ ހާލަތްތަކުގައި ދޭނެ ފަރުވާއެއް ނޭނގޭ ހާލަތުވެސް އާދެއެވެ. ކާންދިނުމުގައި ވެސް ވަރަށް ފަރުވާތެރިވާން ޖެހޭ ކަމަށާއި އެލާޖިކްވާ ގިނަ އެއްޗެހި ނޭގޭތީ ވަރަށް އުދަގޫ ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައެވެ.
ޝަނީންގެ މަންމަ މަރިޔަމް މަނިކެ ބުނާގޮތުގައި އެންމެ ކުޑައިރުއްސުރެ ޝަނީން ބަލިވެ ހާލު ދެރަވެއެވެ. ބޮޑުވާ ވަރަކަށް ބަލި ބޮޑުވެ ކޮންމެ ފަހަރަކު އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހެއެވެ. މިހާރަކަށް އައިސް ކުއްލިއަކަށް ހުރެފައި މުޅި ކުއްޖާ ދުޅަވެ ދެލޯވެސް ނުފެންނަ ވަރަށް މޫނުވެސް ދުޅަވެއެވެ. ނޭވާ ހާސްވެ ނޭވާ ނުލެވިގެން އައިސީޔޫގައި އެތައް ފަހަރަކު ވަނީ ފަރުވާދީފައެވެ.
"ކުއްލިއަކަށް ހުރެފައި މީހާ ދުޅަވާތަން ފެންނާނީ. ދުޅަވަމުންގޮސް ދެލޯވެސް ނުފެންނަ ވަރަށް ދުޅަވޭ އެ ކުޑަކުޑަ ކުއްޖާ. ވަރަށް ދެރަވޭ މަންޒަރު ފެނުނަސް. އިރުކޮޅަކުން ހާލުދެރަވެ ހޮސްޕިޓަލަށް ގެންދަން ޖެހޭ، ވަގުތުން އެޑްމިޓް ކޮށްގެން ފަރުވާދޭން ޖެހޭ. ދެ ދުވަސް ތިން ދުވަސް އެގޮތަށް ހޮސްޕިޓަލުގައި އުޅެންޖެހުމުން ކުއްޖާގެ ކިޔެވުމަށްވެސް އަސަރުކުރޭ. ސްކޫލަށް ނުދެވި ފިލާވަޅު ނުލިބޭ." ޝަނީންގެ މަންމަ ހުވަދޫ މީޑީއާއަށް ކިޔައިދިނެވެ.
ޑޮކްޓަރުން ބުނަނީ އެލާޖިކެއް ކަމަށެވެ. ބަޑުގައި ރިއްސުމާއި ބޮލުގައި ރިއްސުމުގެ އިތުރުން ނޭވާ ހާސްވެ ނޭވާ ނުލެވުމާއި މީހާ ދުޅަވުން އެއީ ޝަނީންއަށް އާންމު ކަމެކެވެ. ތަދުކަނޑުވާ ބޭސް ނުދެވޭތީ ޑޮކްޓަރުންވެސް ތިބެނީ ކަންބޮޑުވެފައެވެ.

ޝަނީންގެ ހާލަތަކީ ތަކުލީފުހުރި ވޭންދެނިވި ހާލަތެއް/ފަރުވާއަށް އެހީތެރިކަމަށް އެދި އާއިލާއިން ކުރާ އިލްތިމާސް
"ތަދު ކަނޑުވާ ބޭހެއް ދެވެނީކީ ނޫން، ކޮންމެ ކޮންމެ އެއްޗެއް ކާން ދެވެނީކީ ނޫން. އާންމުކޮށް ކައިބޮއި އުޅޭ ގިނަ އެއްޗެއްސަށް އެލާޖިކުވޭ. ވަރަށް އުދަގޫވޭ އެހެންވާތީ. ކާންދޭންވީ އެއްޗެއްވެސް ނޭގެ. އަބަދުހެން ބަޑަށް ނޫނީ ބޮލަށް ނޫނީ ހަށިގަނޑުގެ އެހެން ގުނަވަނަކަށް ތަދުވާތީ އުޅޭ އެކަމަކު ކީއްކުރާނީ ތަދުކަނޑުވާން ކުރެވޭ އެއްވެސް ކަމެއްނެތް" މަރިޔަމް މަނިކެ ކިޔައިދިނެވެ.
މި ބަލީގެ ސަބަބުން ކުއްޖާ ހެދިބޮޑުވުމަށް އަސަރުކޮށް ސިއްހީ ހާލަތުވެސް ރަނގަޅެއް ނޫނެވެ. މަހެއްގެ މައްޗަށް މަދުވެގެން ފަސް ފަހަރު ހާލު ދެރަވެގެން އެޑްމިޓްކުރަން ޖެހެއެވެ.
އެ އާއިލާއަކީ އެހާ ތަނަވަސް އާއިލާއަކަށް ނުވާތީ ކޮންމެ ފަހަރަކުވެސް ތިނަދޫ ހޮސްޕިޓަލުން ވަގުތީ ފަރުވާއެއް ހޯދަނީއެވެ. ދާއިމީ ފަރުވާއެއް ހޯދުމަށްޓަކައި ރާއްޖެއިން ބޭރަށް ދިޔުމަށް ޑޮކްޓަރުން ވަނީ އަންގާފައެވެ. އެހެންނަމަވެސް މާލީ ހާލަތު ދަށް ކަމުން އަދި ރާއްޖެއިން ބޭރަށް ދެވޭ ގޮތެއް ނުވެއެވެ.
ޝަނީންގެ މަންމަ ކިޔައިދިން ގޮތުގައި މީގެ ކުރިން ވެސް ބޭރަށް ދިއުމަށް ތައްޔާރުވިތަނާ ޝަނީން ވަރަށް ބޮޑަށް ބަލިވެ އޭޑިކޭގައި އެޑްމިޓްކޮށްގެން ފަރުވާދިނެވެ. އެހެންކަމުން އެ ފަހަރު ބޭރަށް ދިއުމަށް އެއްކުރި ފައިސާ ހަރަދުވީ އެ ހޮސްޕިޓަލަށް ކަމަށް ބުންޏެވެ.

ޝަނީންގެ ހާލަތަކީ ވަރަށް ކަންބޮޑުވާންޖެހޭ ހާލަތެކެވެ./ފަރުވާއަށް އެހީތެރިކަމަށް އެދި ދަންނަވަން
މިހާ ގިނަ ދުވަސްވެގެންދިޔައިރުވެސް މި ބައްޔަށް އެއްވެސް ފަރުވާއެއް ލިބިފައިނުވެއެވެ. ރާއްޖެއިން ބޭރަށް ދިޔުމަށްޓަކައި އާސަންދަ ހަމަޖެހިވީ ނަމަވެސް އެހެން ހަރަދުތަކަށް ފައިސާ ދާނެތީ ޝަނީންގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދީލައި އެހީއެއް ބޭނުންވާ ކަމަށް މަރިޔަމް މަނިކެ ފާހަގަކުރިއެވެ.
ޝަނީންގެ ހާލަތަކީ ވަރަށް ކަންބޮޑުވާންޖެހޭ ހާލަތެކެވެ. އަޅުގަނޑުމެންގެ މުޖުތަމައުގެ ކޮންމެ ކުއްޖަކީވެސް މުހިންމު ކުއްޖެކެވެ. ޝަނީންގެ ފަދަ ކުދިންނަށް އެހީތެރިވުމަކީ އިސްލާމްދީނުގައިވެސް އަޅުގަނޑުމެންނަށް އަންގަވާފައިވާ ކަމެކެވެ. އެހެންކަމުން، މި ކުޑަކުއްޖާއަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތުން އޭނާ ސަލާމަތްކުރުމަކީ އަޅުގަނޑުމެންގެ ތެރެއިން އެހީތެރިވެދޭފަދަ ފަރާތްތަކުގެ އިންސާނިއްޔަތަށްޓަކައި ހުރި ޒިންމާއެކެވެ.

ޝަނީންގެ ފަރުވާއާ ގުޅޭ ލިޔުން/ފަރުވާއަށް އެހީތެރިކަމަށް އެދި އާއިލާއިން ކުރާ އިލްތިމާސް
ޝަނީންގެ ފަރުވާއަށް އެހީތެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްދެއްވުން އެދެމެވެ:
-
ރުފިޔާ އެކައުންޓު: 7710413695101 (މަރިޔަމް މަނިކެ)
ޑޮލަރު އެކައުންޓް: 7730000558825 (މަރިޔަމް މަނިކެ)
- އިތުރު މައުލޫމާތު ހޯއްދެވުމަށް ޝަނީންގެ މަންމަ މަރިޔަމް މަނިކެއާ 9781353 ނަންބަރުން ގުޅުއްވާލެއްވުން އެދެމެވެ.
ޝަނީންގެ ފަރުވާއަށް އެހީތެރިވެދެއްވާ! ކުޑަކުޑަ އެހީއަކުންވެސް ޝަނީންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެވިދާނެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަ ހެޔޮ އަމަލުތަކަށް ދަރުމަ ދެއްވާށިއެވެ. އާމީން!

