ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު މާފަންނު މަޖީދީމަގުގައި އައު ބޭސްފިހާރައެއް ހުޅުވައިފިއެވެ. މި ބޭސްފިހާރަ ހުޅުވާފައިވަނީ މާފަންނު، ވެލިގާ ހާޑްވެއަރއާއި ޖެހިގެން ކަންމަތީގައި ހުންނަ އިމާރާތުގެ ފުރަތަމަ ދެ ފަންގިފިލާގައެވެ.
އެސްޓީއޯއިން މަޢުލޫމާތު ދޭގޮތުގައި، މި ސަރަހައްދުގައި ފާމަސީއެއް ހުޅުވުމަށް ނިންމާފައިވަނީ އެ ސަރަހައްދަކީ ގިނަ ކްލިނިކްތަކެއް ހުންނަ ހިސާބަކަށްވާތީ، ޑޮކްޓަރަށް ދައްކާ ފަރާތްތަކަށް އެސްޓީއޯގެ ފާމަސީގެ ޚިދުމަތް ކްލިނިކްތަކާ ކައިރިން ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ.
މި އައު ފާމަސީއަކީ ޒަމާނީ ކޮންސެޕްޓެއްގެ މައްޗަށް ބިނާކޮށް ހުޅުވާފައިވާ ފާމަސީއެއްކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މި ފާމަސީން ބޭހާއި، ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އެކުއިޕްމަންޓުގެ އިތުރުން ހޯމްކެއަރ އަދި ޕަރސަނަލް ކެއަރ ރޭންޖްގެ ވަރަށް ގިނަ ތަކެތި ލިބެން ހުންނާނެއެވެ.
ފާމަސީގެ ދެވަނަ ފަންގިފިލާ ޚާއްޞަކޮށްފައިވަނީ މެޑިކަލް އިކުއިޕްމަންޓްސްއާއި މެޑިކަލް ކޮންޒިއުމަބަލްސްގެ ތަފާތު ޒަމާނީ އުފެއްދުންތަކަށެވެ. މީގެ އިތުރުން، ދެވަނަ ފަންގިފިލާގައި ހޯލްސޭލް ކަސްޓަމަރުންނަށް ޚާއްޞަކުރެވިފައިވާ ކައުންޓަރެއްވެސް ހުންނާނެއެވެ.
މި އައު ފާމަސީ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ.
އެސްޓީއޯއިން ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށެވެ.

