ބިޑި ހަދަން ގެންގުޅޭ ރިޒްލާއާއި ދުންފަތް އޮޅަން ގެންގުޅޭ ކަރުދާސް އަދި ދުންފަތް ވެސް ރާއްޖެއަށް އެތެރެކުރުން މަނާކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ސިއްހީ ވުޒާރާއިން ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލްއަށް ފޮނުވި ލިޔުމަކުންނެވެ.
ސިއްހީ ވުޒާރާއިން ފޮނުވި ލިޔުމުގައި އަންގާފައިވަނީ ދުންފަތުގެ ބާވަތްތައް އެތެރެކުރާނަމަ އެކަން ހުއްޓުވުމަށެވެ. މިއީ ގާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނު)ގެ ފުރަތަމަ އިސްލާހުގެ 10 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތުގެ އުފެއްދުންތައް އުފެއްދުމަކީ މަނާކަމަކަށް ވާތީ އެންގި އެންގުމެއް ކަމަށްވެސް އެލިޔުމުގައި ބުނެފައިވެއެވެ..
މި ގާނޫނުގެ 42 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުން، ދުންފަތް، ދުންފަތުގެ ތަނޑި، ނިކޮޓިން އަދި މި ތަކެތި ހިމެނޭގޮތަށް ތައްޔާރުކޮށްފައި ހުންނަ ތަކެއްޗާއި، މިއިން އެއްވެސް އެއްޗެއް ހިމެނޭގޮތަށް ހަދާފައި ހުންނަ ތަކެތި ބޭނުންކޮށްގެން ހަށިގަނޑަށް އޭގެ މާއްދާތައް ވާސިލުވާގޮތަށް ތައްޔާރުކޮށްފައި ހުންނަ ކޮންމެ އެއްޗަކީވެސް ދުންފަތުގެ ބާވަތެއްގެ ގޮތުގައި ބެލެވޭނެ ކަމަށް އެލިޔުމުގައި ވަނީ ބުނެފައެވެ.

ސިއްހީ ވުޒާރާއިން ފޮނުވި ލިޔުން
ސިއްހީ ވުޒާރާއިން އަންގާފައިވަނީ ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށްވާތީ، އެފަދަ އެއްވެސް އުފެއްދުމެއް އުފެއްދުމަށް ބޭނުންކުރާ އާލާތެއް ނުވަތަ އެއްޗެއް އެއްވެސް ފަރާތަކުން އެތެރެކުރަން އުޅެފިނަމަ، އެތަކެތި ހިފަހައްޓައި ނައްތާލުމަށެވެ.
މި ނިންމުމާ ގުޅިގެން، ކަސްޓަމްސްއިން ވަނީ ބިޑި ހެދުމަށް ބޭނުންކުރާ ތަކެއްޗާއި ދުންފަތުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމަށް ފިޔަވަޅު އަޅަން ފަށާފައެވެ.

