މިއަހަރުގެ ފުރަތަމަ ދުވަހު 311 ޓަނުގެ މަސް ކިރުވާފައިވާކަމަށް ސަރުކާރުގެ މައި މަސްކުންފުނި މިފްކޯއިން ހާމަކޮށްފިއެވެ. މިފްކޯއިން ބުނާގޮތުގައި މިދުވަސްވަރު މަސްވެރިކަން އެންމެ ރަނގަޅީ އަދި އެންމެ ގިނަ މަސްދޯނިތައް މަސްވެރިކަމުގައި ގޮސް އޮތީ ހުވަދު އަތޮޅުގައި ކަމަށެއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ 1 ވަނަ ދުވަހު އެންމެ ގިނައިން މަސްކިރުވާފައިވަނީ ހުވަދު އަތޮޅު ދެކުނުބުރިންނެވެ. އެގޮތުން އެ އަތޮޅުގެ 22 ދޯންޏަކުން 92.6 ޓަނުގެ މަސް މިފްކޯގެ ބޯޓުތަކަށް ކިރުވާފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން މަސްކިރުވާފައިވަނީ ހުވަދު އަތޮޅު އުތުރުބުރިންނެވެ. އެ އަތޮޅުގެ 20 ދޯންޏަކުން 80.7 ޓަނުގެ މަސް ކިރުވާފައިވެއެވެ.
މީގެއިތުރުން، ިތުރުން، ޅ. އަތޮޅުގައިވެސް މަސްވެރިކަން ރަނގަޅުކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. ފެލިވަރު ބަނދަރުގައި އޮތް 3 ބޯޓަކަށް 15 ދޯންޏަކުން 58.1 ޓަނުގެ މަސް ކިރުވާފައިވާކަމަށް މިފްކޯއިން ހާމަކޮށްފައިވެއެވެ.
މިފްކޯގެ މަސް ބޯޓުތައް ފިޔަވައި އެންމެ ގިނައިން މަސްކިރުވާފައިވަނީ ކޫއްޑޫއަށެވެ. އެ ފެސިލިޓީއަށް 80.7 ޓަނުގެ މަސް ކިރުވާފައިވާއިރު، މިފްކޯގެ ބޯޓުތަކަށް 221.1 ޓަނުގެ މަސް ކިރުވާފައިވެއެވެ. މިއާއެކު ޖުމްލަ 79 ދޯންޏަކުން 311 ޓަނު މަސް ވަނީ ކިރުވާފައެވެ.
މިފްކޯއިން ވަނީ ކޮންމެ ދުވަހަކުވެސް މަސްކިރުވި އަދަދާއި ކިރުވި ސަރަހައްދުތަކުގެ އެސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާ ދޯނިތަކުގެ އަދަދު އެނގޭގޮތަށް، ތަފާސްހިސާބު އާންމުކުރަން ފަށާފައެވެ. މީގެ ސަބަބުން މަސްވެރިކަން ރަނގަޅު ހިސާބުތައް އެނގިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މަސްވެރިންނަށް 48 ގަޑިއިރު ފައިސާ ދިނުމުގެ ސިޔާސަތުގެ ދަށުން މިދިޔަ އަހަރަށް މަސްވެރިންނަށް ދޫކުރަން ޖެހޭ ހުރިހާ ފައިސާއެއް މިހާރު ވަނީ ދޫކޮށް ނިންމާފައެވެ.
މިފަހަކަށް އައިސް މަސްވެރިކަން ދަށްވެފައި އޮތް ނަމަވެސް، މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މަސްވެރިކަން ދަނީ ރަނގަޅުވަމުންނެވެ. މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން އެވަރޭޖްކޮށް ދުވާލެއްގެ މައްޗަށް 200 ޓަނަށް ވުރެ ގިނައިން މިފްކޯއަށް މަސް ދަނީ ކިރުވަމުންނެވެ.

