ކީރިތި ޤުރުއާނުގެ އަހުލުވެރިންގެ އަދަބުތައް މިމައުޟޫއަށް ދިން މިއަދުގެ ޚުޠުބާގައި ބުނީ އަޅުގަނޑުމެން އެންމެންގެ ހިތްތަކުގައި މާތްވެގެންވާ ޤުރުއާނުގެ މަތިވެރިކަމާއި އޭގެ އަގު ވަޒަންކުރުމުގެ ރޫހު އަށަގެންނެވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި އަދި އެ ކީރިތި ފޮތަށް ޙުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން ދަރިންނަށް އުނގަންނައިދޭން ޖެހޭ ކަމަށެވެ.
ﷲސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ވަޙީބަސްފުޅުގައި ބަޔާންކުރައްވާފައިވެއެވެ. "ޤުރުއާނަކީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި، ޖިބްރީލުގެފާނު މެދުވެރިވެ ނަބިއްޔާގެ ހިތްޕުޅަށް އިއްވެވި، އިންޒާރުކުރެއްވުމުގެ މަޤްޞަދުގައި ބާވައިލެއްވި ފޮތެކެވެ."
ކީރިތި ޤުރުއާނުގެ ބަލާޣާތްތެރިކަމާއި ފަޞާޙަތްތެރިކަމަކީވެސް މުޢުޖިޒާތެއްކަން ފާހަގަކުރުމާއެކު ޚުޠުބާގައި ވަނީ ޖާހިލިއްޔަ ޒަމާނުގެ އެންމެ ފަޞީޙު އަރަބިންނަށްވެސް މިފަދަ ފޮތެއް އުފެއްދުމަށް ކުޅަދާނަވެފައި ނުވާކަމަށް ބުނެފައެވެ. އަދި އެކަމަށް އިޝާރާތްކުރައްވައި، ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނަ ހުތުބާގައި ގެނެސްދިނެވެ. "އިންސާނުންނާއި ޖިންނީން އެއްވެގެން މިފަދަ ޤުރުއާނެއް ގެނައުމަށް މަސައްކަތްކުރިޔަސް، އެކަކު އަނެކަކަށް އެހީތެރިވިޔަސް، އެކަން ވާނެކަމެއް ނޫނެވެ. ﷲ ތަޢާލާ އެފޮތުގެ ކުރިން ބާވައިލެއްވި ހުރިހާ ފޮތްތަކެއް ތެދުކުރަނިވި އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއްގެ ގޮތުގައެވެ."
މިއަދުގެ ހުތުބާގައި ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ޒަމާނަށް އަލިއަޅުވައިލަމުން ބުނީ އަދު އަހަރެމެން މުސްލިމުންނަށް ކީރިތި ޤުރުއާން ކިޔުމާއި، ތިލާވަތުކުރުމާއި، އަދި އެ މާތް ފޮތަށް ޢަމަލުކުރުން އުނދަގޫ ކަމަކަށް ވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އަހަރެމެން ދީނާ ދުރުވެފައިވާކަމަށާއި އަދި ޣައިރު މުސްލިމުންގެ ކުރިމަތީގައި ނިކަމެތިވެފައިވާކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިން ހަނދާންކޮށްދިނުމަށް މަސައްކަތް ކޮށްފައިވެއެވެ،
"އަދި ރަސޫލާ ދެންނެވިއެވެ. އޭ އަޅުގަނޑުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، ތިމަންއަޅާގެ ޤައުމުގެ މީހުން މި ޤުރުއާނަކީ އެއްކިބާކޮށްލާފައިވާ އެއްޗެއްކަމުގައި ހަދަމުގައި ހަދައިފިއެވެ."
ކީރިތި ޤުރުއާނަކީ އަޅުގަނޑުމެން މުސްލިމުންގެ ހިތާއި، ފުރާނައާއި، ޟަމީރުގެ ކާނާ ކަމަށް ވީހިނދު އަދި ޤުރުއާނަކީ ބަލިތަކަށް އޮތް ޝިފާއަށް ވީހިނދު އެ ޤުރުއާން ކިޔުމާއި ޤުރުއާނަށް ޢަމަލުކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބުކަމެއްކަން ހަނދާންކޮށްދެމުން ޚުޠުބާގައި ވަނީ، ޤުރުއާނުން މީހާ ޒީނަތްތެރިވުމަކީ ވެސް ވާޖިބެއްކަން ބުނެދީފައެވެ. އެގޮތުން ތިމާގެ އެތެރެފުށާއި ބޭރުފުށުގެ ޠާހިރުކަމަކީ އެންމެ ފުރަތަމަ ޒީނަތްކަމަށްވެސް ހަނދާންކޮށްދިނެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: "ހަމަކަށަވަރުން، އެއީ މާތްވެގެންވާ ޤުރުއާނެވެ. ރައްކާތެރިކުރެވިފައިވާ ފޮތެއްގައިވާ (ޤުރުއާނެކެވެ). ޠާހިރުވެގެންވާ މީހުން މެނުވީ އެއަކަށް ނުބީހޭނެތެވެ. (އެއީ) ޢާލަމްތަކުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި ފޮތެކެވެ.'"
އަޅުގަނޑުމެންގެ ހިތްތަކަށް ހަމަޖެހުން ލިބެނީ މާތްﷲ ހަނދުމަކުރުމުންކަން ޝައްކެއްވެސް ނެތެވެ. މާތްﷲ ހަނދުމަކުރުމުގެ އެންމެ މަތިވެރި އަދި މުހިންމު އެއް ވަސީލައަކީ ކީރިތި ޤުރުއާން ކިޔެވުން ކަމަށާއި ޤުރުއާނުން ޒީނަތްތެރިވުމުގެ ތިންވަނަ ސިފައަކީ އެފޮތުގައިވާ އެންމެހާ ކަންތައްތައް ތެދުކޮށް، ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އީމާންކަމާއި އިސްލާމްކަމުގެ ރުކުންތަކަށް ތެދުވެރިވުން ކަމަށްވެސް ޚުޠުބާގައި ވަނީ ނަސޭހަތްތެެރިވެ ބުނެދީފައެވެ..
މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން، "ތެދުމަގާއިގެން އަންނަ މީހުންނާއި އެތެދު ޤަބޫލުކުރާ މީހުންނަކީ ތަޤްވާވެރިންނެވެ. ރަސޫލާ ﷺ ގެނެސްދެއްވި ރިސާލަތަކީ ޙައްޤު ތެދުކަން ޤަބޫލުކޮށް، ތަޤްވާވެރިވުމަށް މިބަސްފުޅުތަކުން އިރުޝާދު ލިބިގެންވެއެވެ.
ޤުރުއާނުން ޒީނަތްތެރިވުމުގެ ހަތަރުވަނަ ސިފައަކީ މަޑުމައިތިރިކަމާއި ކެތްތެރިކަމެވެ. ހުތުބާގައި މިކަމަށް އަލިއަޅުވައި ބުނީ މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން ރިވެތި ގޮތުގައި ކެތްތެރިވުމަށް އަމުރުކުރައްވާފައިވާ ކަމަށާއި ކެތްތެރިކަމުގެ މުހިންމުކަން ކީރިތި ޤުރުއާނުގައި ގިނަ އާޔަތްތަކުން ބަޔާންވެގެންވާ ކަމަށެވެ. މަޑުމައިތިރި ރީތި ބަހުރުވައިން ވާހަކަދެއްކުމަކީވެސް ކެތްތެރިކަމުގެ ސިފައެއެއް ކަމަށާއި މިކަމުގެ މިސާލެއްގެ ގޮތުން، ފިރުޢައުނުގެ ގާތަށް މޫސާގެފާނާއި ހާރޫނުގެފާނު ފޮނުއްވިއިރު މަޑުމައިތިރި ބަހުން ވާހަކަދެއްކެވުމަށް މާތްﷲ އަމުރުކުރެއްވުން ހުތުބާގައި ވަނީ ބުނެދީފައެވެ.
މިއަދުގެ ހުތުބާ ނިންމާލުމުގެ ކުރިން ދުއާކޮށްފައިވެއެވެ. އަޅުގަނޑުމެން އެންމެން ކީރިތި ޤުރުއާނުގެ އަޚްލާޤުން ޒީނަތްތެރިވެގެންވާ ބަޔަކު ކަމުގައި މާތްﷲ ލައްވާށި! އާމީން! އަދި އެހެން ހުކުރުހުތުބާއެކޭ އެއްފަދައިން މިއަދުގެ ހުތުބާވެސް ނިންމާލީ މިއުންމަތުގެ ނަބިއްޔާ މުހައްމަދު ރަސޫލު ﷺ އަށް ޞޮލަވާތް ކިޔުމަށް ނަސޭހަތްތެރިވަމުންނެވެ.

