މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ވެސް ދެ އެލާޓެއް ނެރެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އެދިއްޖެއެވެ.
މިއަދު ހަވީރު 5:30 އާ ހަމައަށް ނެރުނު ފުރަތަމަ އެލާޓުގައި ބަޔާންކޮށްފައިވަނީ ބ. އަތޮޅުން ފެށިގެން ދެކުނަށް ހުރި ހުރިހާ އަތޮޅަކަށް ގަޑިއަކު 19 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ގަދަވާނެ ކަމަށެވެ.
ދެވަނަ ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށެވެ. މި އެލާޓުގައި ބަޔާންކޮށްފައިވަނީ މި އަތޮޅުތަކަށް ގުރުގުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ސްކޫލް ބަންދަށް ފަހު އާދިއްތަ ދުވަހު ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވާއިރު، މި ދުވަސްވަރު ގިނަ ބަޔަކު ވަނީ ރަށްރަށަށް ގޮސްފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މޫސުން ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުންނެވެ.
މި މޫސުން ގޯސްވުމުގެ މައިގަނޑު ސަބަބަކީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި އެ ކޮޅިގަނޑާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފް ކަމަށް މެޓް އޮފީހުން ބުނެއެވެ. އާ އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ކުރިން ވެސް އޮތީ ލަފާކޮށްފައެވެ.
މި ހާލަތާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

