މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި ށ.ނަރުދޫ އަށް އުދަ އަރައި ރަށުގެ ބޮޑު ބައެއް ފެން ބޮޑު ވެއްޖެއެވެ.
މި މައްސަލައިގައި ށ.ނަރުދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްއެންޑީއެފްގެ ނަދަން އޭރިއާ ކޮމާންޑުން ސިފައިން ހަރަކާތްތެރިވެފައިވެއެވެ. މި މަސައްކަތް ޕަންޕް ޖަހައިގެން ކުރިއަށް ގެންގޮސްވެފައިވާއިރު ގެތަކަށް ފެން ވަދެފައިވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ވެސް ވަނީ ބުރޫ އަރާފައެވެ.
ގާތްގަޑަކަށް 12 ގެއަކަށް ފެން ވަދެފައިވާއިރު މި މައްސަލަ ހައްލުކުރުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދެއެވެ.

ނަރުދޫ އަށް އުދައެރުމާއި ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ: ފޮޓޯ/ އެމްއެންޑީއެފް
މި ދުވަސްކޮޅު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާއިރު، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އާންމު ދިރިއުޅުމަށް އުނދަގޫވާހެން ގެތަކަށް ވެސް ފެން ވަދެފައިވެއެވެ. މެޓުން މައުލޫމާތު ދޭގޮތުގައި މިއަދު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު 11:15 އާއި 15:00 ދެމެދުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން، މެޓުން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދެއްވުމަށް އަންގަވާފައެވެ.

