ރާއްޖެއަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި މޫސުން ގޯސްވެ މިއަދު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ނެރެފައިވާ އޮރެންޖް ސަމާލުގެ މުއްދަތު އިތުރުކޮށްފިއެވެ.
މެޓުން މިއަދު މެންދުރުގެ ވަގުތެއްގައި ބ އަތޮޅުން ފެށިގެން ތ އަތޮޅަށް އޮރެންޖް ސަމާލު ނެރެފައިވަނީ މިއަދު 15:00 އިން 19:00 އާ ދެމެދުގެ ވަގުތަކަށެވެ. އެހެންނަމަވެސް ވިއްސާރަ ހުއްޓައިލުމުގެ ކޮޅުމަތި އަދިވެސް ނުފެނި، ރަށްރަށުގައި ފެން ބޮޑުވެ ގެއްލުންތަކެއް ލިބެމުންދާތީ މެޓުން ވަނީ މިރޭ 19:00 އިން 23:00 އަށް އޮރެންޖް ސަމާލުގެ މުއްދަތު އިތުރުކޮށްފައެވެ.
މެޓުން މައުލޫމާތު ދޭ ގޮތުގައި މި ވަގުތުތަކުގައި އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެއެވެ.
ބައެއް ރަށްތަކުގައި ފެންބޮޑުވެ އާންމު ދިރިއުޅުމަށް ދަތިވާހެން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ވެރިރަށް މާލޭގައި ވެސް އަދަޔާޚިލާފަށް ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

