މާލޭ މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.
"އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ފުލުހުން ބުނެފައިވަނީ ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާތީ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން ބަރުު އުޅަނދުތައް މާލޭގެ މަގުތަކުގައި ނުދުއްވުމަށެވެ. މީގެ އިތުރުން، ޒަރޫރީ ބޭނުންތަކުގައި މެނުވީ ހަތަރު ފުރޮޅުލީ އުޅަނދު ވެސް ނުދުއްވުމަށް އަންގަވާފައިވެއެވެ.
މިފަދަ ހާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.
މިދުވަސްކޮޅު ރާއްޖެއަށް ވެހޭ ބޯ ވިއްސާރައިގައި މޫސުން ގޯސްވެ މާލޭގެ މަގުތައް ވަނީ އާދަޔާ ޚިލާފަށް ފެންބޮޑުވެފައެވެ. އަދި ބައެއް ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވެސް ލިބިފައިވެއެވެ. މަގުތަކުން ފެންހިންދައި މި މައްސަލަ ހައްލުކުުރުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

