މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދެއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ އިލްތިމާސް ކޮށްފި އެވެ.
މުޅި ރާއްޖެއަށް މި ދުވަސްވަރު ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާ ދަނޑިވަޅެއްގައި، އެޗްޕީއޭއިން ވަނީ ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށް އަމާޒުކޮށް މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ.
“ވިއްސާރަވެ ފެންބޮޑުވުމާއި ގުޅިގެން ބުއިމަށާއި ކެއްކުމަށް އަދި ތަށިދޮވުމަށް ވާރޭފެން، ފުޅީގައި ބަންދުކުރިފެން ނުވަތަ ކެއްކިފެން ބޭނުންކުރުމަކީ އެންމެ ރައްކާތެރިގޮތް.” = އެޗްޕީއޭ
“ނަރުދަމާ، ސެޕްޓިކްޓޭންކް ނުވަތަ ޖަންކްޝަން ފުރިގެން ފެން ނުކުންނަނަމަ ފެންވެރުމަށް ވަޅުފެން ބޭނުންކުރުމުގެ ކުރިން ކުލޮރިން ކުރުމަކީ މުހިންމު ކަމެއް.”= އެޗްޕީއޭ
މީގެ އިތުރުން، އެޗްޕީއޭއިން ވަނީ ފެންގަނޑުގެ ތެރެއަށް ކުޑަކުދިން އެރުނަ ނުދިނުމަށާއި، ސައިބޯނިލައިގެން ސާފުފެނުން ގިނަގިނައިން އަތް ދޮވުމަށް އިލްތިމާސްކުރައްވާފައެވެ. ޚާއްޞަކޮށް ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން، ކެއުމުގެ ކުރިން އަދި ފާހަނާ ކުރުމުގެ ފަހުން އަތް ދޮވުމުގެ މުހިންމުކަން ހާމަކޮށްފައިވެއެވެ.
ބޭސް ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަ އިރުޝާދުތަކެއްވެސް އެޗްޕީއޭއިން ވަނީ ދެއްވާފައެވެ. އެގޮތުން، ފެނުގެ އަސަރު ނުކުރާނެ ރައްކާތެރި ހިސާބެއްގައި ބޭސް ރައްކާކުރުމަށާއި، އިންސިއުލިން ފަދަ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ތަކެއްޗަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މި ނާޒުކު ދަނޑިވަޅުގައި ރައްޔިތުން ސަމާލުވެ، އެޗްޕީއޭގެ އިރުޝާދުތަކަށް ޢަމަލުކުރުމަކީ ޢާންމު ސިއްހަތު ރައްކާތެރިކުރުމަށް ވަރަށް މުހިންމު ކަމެއްކަން އެ އެޖެންސީން ފާހަގަކޮށްފައިވެއެވެ.

