މިދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެކެވެ. މިފަދަ ދަނޑިވަޅެއްގައި ސިއްޙީ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިއީ ގިނަ ބަޔަކަށް ގޮންޖެހުންތަކެއް ކުރިމަތިވާ ދުވަސްވަރެކެވެ. ޚާއްޞަކޮށް، މިވިއްސާރައިގައި ފެންބޮޑުވުމުން، ސިއްޙީގޮތުން ދިމާވާ މައްސަލަތަކާއި، އާންމު ދިރިއުޅުމަށް ކުރިމަތިވާ ދަތިތަކުގެ ސަބަބުން މިއީ ސަމާލުކަން ދޭންޖެހެއެވެ.
ވިއްސާރަ މޫސުމުގައި އެންމެ ބޮޑަށް ކުރިމަތިވާ އެއް މައްސަލައަކީ ތަފާތު ބަލިތައް ފެތުރުމެވެ. މީގެ ތެރޭގައި އަރިދަފުސް ރޯގާ، ނިއުމޯނިއާ، ހޮޑުލުމާއި ބޭރަށްދިއުމުގެ ރޯގާ، އަދި ހުމާއި ގަދަ ކެއްސުން ހިމެނެއެވެ. މި ބަލިތައް ފެތުރުން އަވަސްވަނީ ގިނަ ބަޔަކު މާސްކު އެޅުންފަދަ އަސާސީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭތީއެވެ.
ވިއްސާރަ މޫސުމުގައި ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން މުހިންމެވެ. މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ، ތަންތަން ހަޑިވުމުގެ ފުރުޞަތު އޮވެއެވެ. މިފަދަ ހާލަތްތަކުގައި އަމިއްލަ ސާފުތާހިރުކަމާއި، ވަށައިގެންވާ މާޙައުލުގެ ސާފުތާހިރުކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހެއެވެ.
ސާފު ބޯފެނުގެ މުހިންމުކަން
ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން ސާފު ބޯފެން ބޭނުންކުރުމަކީ އެންމެ މުހިންމު އެއްކަމެވެ. މިގޮތުން:
- ބުއިމަށާއި ކެއްކުމަށް ވާރޭފެން ބޭނުންކުރުން
- ފުޅީގައި ބަންދުކުރި ފެން ބޭނުންކުރުން
- ކެއްކި ފެން ބޭނުންކުރުން
- ތަށިދޮވުމަށްވެސް ސާފު ފެން ބޭނުންކުރުން
ފެންވެރުމަށް ބޭނުންކުރާ ފެނުގެ ރައްކާތެރިކަން
ނަރުދަމާ، ސެޕްޓިކްޓޭންކް ނުވަތަ ޖަންކްޝަން ފުރިގެން ފެން ނުކުންނަ ހާލަތްތަކުގައި ވަޅުފެން ބޭނުންކުރުމުގައި ސަމާލުވާންޖެހެއެވެ. މިގޮތުން:
- ފެންވެރުމުގެ ކުރިން ވަޅުފެން ކުލޮރިން ކުރުން
- ފެންގަނޑުތަކަށް ކުޑަކުދިން އެރުނަ ނުދިނުން
- ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން
އަތްދޮވުމުގެ މުހިންމުކަން
ސައިބޯނި ލައިގެން އަތްދޮވުމަކީ ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ. ޚާއްޞަކޮށް:
- ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން
- ކެއުމުގެ ކުރިން
- ފާޚާނާ ކުރުމަށްފަހު
ބޭސްފަރުވާގެ ރައްކާތެރިކަން
ބޭސްފަރުވާ ކުރާ ފަރާތްތަކުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް:
- ބޭސް ރައްކާކުރުމަށް ފެނުގެ އަސަރު ނުކުރާނެ ރައްކާތެރި ތަނެއް ހޯދުން
- އިންސިއުލިން ފަދަ ޚާއްޞަ ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ބޭސްތަކަށް ބެކަޕް ޕްލޭނެއް ރޭވުން
- ކަރަންޓު ކެނޑިދާނެ ހާލަތަށް ތައްޔާރުވެ ތިބުން
- އެހެން ފްރިޖެއްގައި ބޭސް ބެހެއްޓޭނެ އިންތިޒާމު ކުރިއާލާ ހަމަޖެއްސުން
ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތައް
ވިއްސާރަ މޫސުމުގައި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް ވެއެވެ. މީގެ ތެރޭގައި:
- މާސްކު އެޅުން
- އަތްދޮވުމާއި ސެނިޓައިޒް ކުރުން
- ތެމިފައިވާ ހެދުން އަވަހަށް ބަދަލުކުރުން
- ފިނިން ރައްކާތެރިވުން
- ކުއްލި ސިއްޙީއެހީއަށް ބޭނުންވެދާނެ، ކުއްލި ހާލަތްތަކުގައި ބޭނުން ކުރާނެ ޕެރެސެޓެމޯލް، ޕެނަޑޯލް ފަދަ ބޭސްތައް ގޭގައި ބެހެއްޓުން
ވިއްސާރަ މޫސުމުގައި ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ހަމައެކަނި ވަކި ފަރުދެއްގެ ޒިންމާއެއް ނޫނެވެ. މުޅި މުޖުތަމަޢުގެ ޒިންމާއެކެވެ.
ވިއްސާރަ މޫސުމުގައި ސިއްޙީ ރައްކާތެރިކަމަށް ސަމާލުވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މިކަމުގައި ފަރުދީ ޒިންމާއާއި، މުޖުތަމަޢުގެ ޒިންމާ އަދާކުރުމަކީ ލާޒިމު ކަމެކެވެ. އަދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް މުހިންމު ކަމެކެވެ. މިގޮތުން އެންމެން ގުޅިގެން މަސައްކަތްކޮށްގެން، ވިއްސާރަ މޫސުމުގެ ނޭދެވޭ އަސަރުތަކުން ރައްޔިތުން ރައްކާތެރިކުރެވޭނެއެވެ.

