މާލެއަށް މިއަދު ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހާމަކޮށްފިއެވެ. މިއީ ރެކޯޑް އަދަދެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެެވެ
މެޓް އޮފީހުން ހާމަކުރި ގޮތުގައި މާލެއަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 160 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އެންމެ ބޯކޮށް ވާރޭ ވެހުނީ ހަވީރު 5 އާއި 6 އާ ދެމެދު ކަމަށް އެ އޮފިޝަލް ފާހަގަކުރެއްވިއެވެ.
މި ވިއްސާރައާ ގުޅިގެން، ރާއްޖޭގެ ބޮޑު ބަޔަކަށް މެޓް އޮފީހުން ވަނީ އެލާޓް ނެރެފައެވެ. އެގޮތުން، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅުގެ ހިސާބަށް ހުދު އެލާޓް އަދި ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މިރޭ 11:00 ޖަހަންދެން ވަނީ އޮރެންޖް އެލާޓް ނެރެފައެވެ.
ބޯކޮށް ވެހުނު ވާރެއާ ގުޅިގެން މާލޭގެ މަގުތަކުގައި ފެން ބޮޑުވެފައިވާތީ، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން މާލޭގެ ހަ ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ. މިހާތަނަށް 7,639 ޓަނުގެ639 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެއިތުރުން، މާލޭގެ ބައެއް ގެތަކަށް ފެން ވަންނަމުންދާތީ، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.
މަގުތަކުގައި ފެންބޮޑުވެފައިވާތީ، މަގުތަކުން ފެން ހިންދައި އާންމު ހާލަތަށް އަންނަންދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވުމަށާއި، ހަތަރު ފުރޮޅުލީ އުޅަނދު ވެސް ޒަރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ވިއްސާރައިގެ ސަބަބުން ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

