މިއަދު މާލެއަށް ބޯކޮށް ވެހުނު ވާރޭއާ ގުޅިގެން މަގުތަކުގައި ފެންބޮޑުވެފައިވާތީ، ޒަރޫރީ ބޭނުމެއްގައި ނޫނީ މާލޭގައި ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން މިކަމަށް އިލްތިމާސްކުރެއްވީ މާލޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީއެވެ. ފުލުހުން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސެހުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ކުރިމަތިވަމުންދާ ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ މަގުތަކުން ފެން ހިނދި އާންމު ހާލަތަށް މަގުތައް އަންނަންދެން، ބަރު އުޅަނދުތައް މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި، ޒަރޫރީ ބޭނުމަކަށް ނޫނީ މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ނުދުއްވުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.
މީގެއިތުރުން، ފުލުހުން ވަނީ މި ދަނޑިވަޅުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެފައިވާތީ، ސަލާމަތީ ޚިދުމަތްތަކުން ގެންދަވަނީ ފެން ހިންދުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި މަސައްކަތުގައި އެމް.އެން.ޑީ.އެފް އާއި ފުލުހުންގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންވެސް ބައިވެރިވެއެވެ.
ފުލުހުން ރައްޔިތުންނަށް އިލްތިމާސް ކޮށްފައިވަނީ މި ދަނޑިވަޅުގައި ކެތްތެރިކަމާއެކު ތިއްބަވައި، ސަލާމަތީ ޚިދުމަތްތަކަށް އެއްބާރުލުން ދެއްވުމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެއްޖެނަމަ ވަގުތުން ފުލުހުންގެ ހޮޓްލައިން 119 އަށް ގުޅުމަށްވެސް އެދިފައިވެއެވެ.

