ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގައި ކަކުލާ ހަމައަށް ފެންބޮޑުވުމާ ގުޅިގެން، ދިވެހި ސިފައިން ނިކުމެ 30،000 ޓަނަށްވުރެ ގިނަ ފެން ހިންދާލައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އިއްޔެ 11:37 ގައި ފެށި ފެން ހިންދުމުގެ މަސައްކަތް މިއަދު ހެނދުނު 8:30 ގައި ވަނީ ނިންމާލާފައެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 30،569 ޓަނުގެ ފެން ވަނީ ހިއްކާފައެވެ.
މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ވެސްޓްޕާކް، އައިޖީއެމްއެޗް، ސަލްމާން މިސްކިތް، ބޮޑުވަޅު، މާފަންނު ފެރީ ޓާމިނަލް އަދި ކުޑަކުދިންގެ ބަގީޗާ ފަދަ ސަރަހައްދުތަކުގައެވެ.
މި ވިއްސާރައިގެ ސަބަބުން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ފެންބޮޑުވެ ގެއްލުންތަކެއް ލިބިފައިވެއެވެ. މިގޮތުން ށ. ނަރުދޫ، ކ. ގުރައިދޫ، ކ. ހުރާ އަދި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައިވެސް ސިފައިން ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 142.6 މިލިލީޓަރު އަދި ހުޅުލެއަށް 144 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިއީ މި ދެ ސަރަހައްދަށް އެންމެ ގިނައިން ވާރޭވެހުނު މިންވަރެވެ.
މެޓުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ހޯމަ ދުވަހުން ފެށިގެންނެވެ.
މި ވިއްސާރައިގެ ސަބަބުން ރާއްޖޭގެ އުތުރުގެ ގިނަ ރަށްރަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާއި މުވައްސަސާތަކުގެ އިތުރުން ސިފައިންނާއި ފުލުހުންވެސް ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

