ކުރިއަށް އޮތް 48 ގަޑިއިރުތެރޭ ރާއްޖޭގެ މޫސުން ރަނގަޅުވަމުން ދާނެ ކަމަށް މެޓުން ލަފާކޮށްފިއެވެ.
މެެޓުން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރުތެރޭ މޫސުން ރަނގަޅު ވަމުން އަޔަސް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި ދެކުނުގެ މަދު ރަށްތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
މީގެ އިތުރުން ދެކުނުގެ ސަރަހައްދަށް ހުޅަނގާއި ހުޅަނގު އުތުރުން، އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދު ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެފައިވެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގައި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
މިއަދު އިރުއޮއްސި 18:00 އާ ހަމަޔަށް މޫސުން ލަފާކޮށްފައިވާއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި 6-4 ފޫޓަށް ރާޅު އުސްވާނެ ކަމަށް މެޓުން ބުނެއެވެ.
މިދުވަސްކޮޅު ރާއްޖެއަށް ކުރަމުންދާ ބޯ ވިއްސާރައިގައި ހާއްސަކޮށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސް ކަމަށް ލަފާކުރެވެއެވެ. އެގޮތުން ބައެއް ރަށްތަކަށް އުދަ އަރައި، ފެންބޮޑުވެ އާންމު ދިރިއުޅުމަށް ވެސް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

