ގއ. ދާންދޫ – މަސްތުވާތަކެތި ބޭނުންކުރުމާއި އެކަމަށް ދެވިހިފުމުގެ ބަލި ތަޙައްމަލްކުރާ ފަރާތްތަކަށް ފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ހުވަދު އަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލާއި، ސަވެޔާ އިންވެސްޓްމެންޓާއި، ގިރިންދާ ޖަމްޢިއްޔާއާއި އެކު ދެ ފަހުމްނާމާ އެއްގައި ސޮއި ކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވުނު ޙަފްލާ ބޭއްވުނީ (3 ޖަނަވަރީ 2025ވި، ހުކުރު ދުވަހުގެރޭ ގއ.ދާންދޫ ކައުންސިލް އިދާރާގެ ކޮމިއުނިޓީ ހޯލުގައެވެ. ގިރިންދާ އާއި އެކު ދާންދޫ ކައުންސިލް އިދާރާއިން ޤާއިމްކުރި ފަހުމްނާމާގައި ދާންދޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލުގެ ރައީސް، މުޙައްމަދު ޢާޞިފެވެ. އަދި ގިރިންދާގެ ފަރާތުން ސޮއިކުރެއްވީ އެޖަމިއްޔާގެ ނައިބު ރައީސް، ޙުސައިން އާދަމެވެ.
ގިރިންދާ އާއިއެކު ސަވެޔާ އިންވެސްޓްމެންޓުން ޤާއިމް ކުރި ފަހުމްނާމާގައި ސަވެޔާ އިންވެސްޓްމެންޓުގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖަރ، ޝަހީބު އަަހީބު އަޙްމަދެވެ. ގިރިންދާގެ ފަރާތުން ސޮއިކުރެއްވީ އެޖަމިއްޔާގެ ނައިބު ރައީސް، ޙުސައިން އާދަމެވެ.
ގިރިންދާ އަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އެކަމުން ދުރުކޮށް، އެފަރާތްތައް މުޖުތަމަޢުގައި ހެޔޮގޮތުގައި ދެމިތިބުމަށް އެހީތެރިވުމުގެ މަޤްޞަދުގައި 2023 ވަނަ އަހަރުގެ ކުރީކޮޅު އުފެދިފައިވާ ޖަމިއްޔާއެކެވެ. އެޖަމިއްޔާއިންވަނީ ހުވަދު އަތޮޅުގައި މިމަސައްކަތް ވަރަށް ހަލުއިމިނެއްގައި ހިންގައި، އޭގެ ވަރަށް އެދެވޭ ނަތީޖާއެއްވެސް މިކުރު މުއްދަތުގެތެރޭ ޙާޞިލް ކޮށްފައެވެ.
ދާންދޫ ކައުންސިލާއެކު ސޮއި ކުރެވުނު ފަހުމްނާމާގެ ބޭނުމަކީ މިމަސައްކަތުގައި ދާންދޫ ކައުންސިލުން މިހާތަނަށްވެސް ގިރިންދާއަށް ފޯރުކޮށްދެމުން އައި އެހީތެރިކަން އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި މިމަސައްކަތް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމެވެ. އަދި ސަވެޔާ އިންވެސްޓްމެންޓާއެކު ސޮއިކުރެވުނު ފަހުމްނާމާގެ ބޭނުމަކީ ގިރިންދާގެ ދަތުރުތަކުގައި އެހީތެރިވުމާއި އެހެނިހެން އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ.
މިރަސްމިއްޔާތުގައި ވާހަކަދެއްކެވި ފަރާތްތަކުން މިމަސައްކަތަކީ ވަރަށް ކާމިޔާބު އަދި އަވަސް ނަތީޖާތަކެއް ފެންނަމުންދާ މަސައްކަތެއްކަން ފާހަގަކުރައްވައި، މިކަން ބާރަށް ކުރިއކުރިއަށް ގެންދިއުމުގެ ބޭނުންތެރިކަން ފާހަގަ ކުރެއްވިއެވެ. ފުލުހުންގެ ފަރާތުން ފާހަގަ ކުރެއްވީ މިމަސައްކަތް ފެށުނުފަހުން ޖުމްލަކޮށް މުޅި ހުވަދުއަތޮޅުގައިވެސް މަސްތުވާ ތަކެއްޗާއި ގުޅުން ހުރިގޮތުން ހިނގަމުންއައި ކުށްތައް ރެކޯޑް ޢަދަދަކަށް މަދުވެފައިވާކަމެވެ.

