ގއ. ކޮނޑޭ ކައުންސިލުން، އެރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ބިކިނީ ބީޗްތަކެއް ކަނޑައަޅައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކައުންސިލްގެ 4 ވަނަ ދައުރުގެ 144 ވަނަ ބައްދަލުވުމުގައެވެ.
ކޮނޑޭގައި ބިކިނީ ބީޗްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަށުގެ ދެކުނުކޮޅުގެ ދެ ސަރަޙައްދެކެވެ. ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މި ސަރަޙައްދުތަކަކީ ޓޫރިސްޓުންނަށް ޚާއްޞަކޮށްފައިވާ ތަންތަން ކަމުގައިވާތީ، އާންމު ރައްޔިތުން މި ސަރަޙައްދުތަކަށް ނުދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެއިތުރުން، ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ބިކިނީ ބީޗްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދުތަކަށް މެނުވީ ބިކިނީގައި މޫދަށް އެރި އުޅުމަށް ޓޫރިސްޓުން ނުފޮނުވުމަށް އެދިފައިވެއެވެ.
މި ނިންމުމަކީ ދެކުނުގެ ރަށްތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މުހިންމު ނިންމުމެއް ކަމަށް ބެލެވެއެވެ. ނަމަވެސް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން ނިވާކަންކުޑަ ހެދުން އަޅައިގެން އުޅޭ ކަމުގެ ޝަކުވާ އާންމުން ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، މިފަދަ ޚާއްޞަ ބީޗްތައް ކަނޑައެޅުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، މިކަމުގައި ރަށުގެ އާންމު ރައްޔިތުންގެ ޝުޢޫރުތަކަށް ވެސް ރިޢާޔަތްކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

