ރާއްޖޭގައި ދީނީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މިއަހަރުގެ ތެރޭގައި މުހިއްމު ޢިލްމީ ދިރާސާތަކެއް ކުރުމަށް ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ.
މި ދިރާސާތައް ކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީއާ ގުޅިގެންނެވެ.
ވުޒާރާއިން ބުނާ ގޮތުގައި މިއަހަރުގެ ތެރޭގައި މައިގަނޑު 4 ދިރާސާއެއް ކުރުމަށް އަމާޒު ހިފާފައިވެއެވެ. އޭގެ ތެރޭގައި ޤައުމީ މަންހަޖާއި މުގައްރަރުތަކުގައި އިސްލާމީ އަޚުލާޤުގެ ބައި ހިމެނިފައިވާ މިންވަރު ދެނެގަތުމަށްޓަކައި ކުރާ ދިރާސާއެއް ހިމެނެއެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މުޖުތަމަޢުގައި ހިންގޭ ޕްރޮގްރާމްތަކުގެ އަސަރުވެރިކަން ހުރި މިންވަރު ދެނެގަތުމަށްޓަކައިވެސް ދިރާސާއެއް ކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، މުޖުތަމަޢުގައި ގަނާކުރުމާއި ޖުވާކުޅުމާއި ވައްކަމާއި ފޭރުން، އަދި ޓެކުން، ހަށިވިއްކުން ފަދަ ނޭދެވޭ ކަންކަން ހުރި މިންވަރު ދެނެގަތުމަށްޓަކައި ދިރާސާތައް ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ވުޒާރާއިން ހާމަކުރިއެވެ.
2024 ވަނަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދީނީ ޝިއާރު ފުޅާކުރުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރިއަށްގެންދިޔުމަށް ރާވާފައިވެއެވެ. މިގޮތުން، ދުނިޔޭގެ އެކި ޢިލްމުވެރިންގެ އެހީތެރިކަމާއެކު ދަޢުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމަށްޓަކައި ބޭރުގެ ޤައުމުތަކާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެ.
އިސްލާމް ކިޔަވައިދޭ މުދައްރިސުންގެ ދީނީ ބަސްމަގު އެއްގޮތްކުރުމަށްޓަކައި މަސައްކަތު ބައްދަލުވުންތަކާއި މަހާސިންތަކާއި ތަޖުރިބާ ދަތުރުތަކުގެ ފުރުޞަތުތައް ހޯދުމަށްވެސް މި އަހަރުގެ ޕްލޭންގައި ހިމަނާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުންޏެވެ.
މި މަސައްކަތްތަކަކީ ރާއްޖޭގައި ދީނީ ހަމަޖެހުން ދެމެހެއްޓުމަށާއި އިސްލާމްދީނުގެ ޝިޢާރު ފުޅާކުރުމަށް ކުރެވޭ މުހިއްމު މަސައްކަތްތަކެއް ކަމަށް ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

