އަތޮޅުތަކުގައި ވެމްކޯއިން ކުނީގެ ބިލް ކަރަންޓު ބިލާއެކު ނެގުމަށް ނިންމާފައިވާ ނިންމުން ރައިސް ޑރ މުޙައްމަދު މުޢިއްޒު ބާޠިލްކުރައްވައިފިއެވެ.
ވެމްކޯ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، 2025 ޖަނަވަރީ އިން ފެށިގެން ވެމްކޯއިން އަތޮޅު ތެރޭގައި ފޯރުކޮށްދޭ ގޭބިސީ ތަކުން ކުނި ނަގައިދިނުމުގެ ޚިދުމަތުގެ ބިލް ޔުޓިލިޓީ އެހެން ޚިދުމަތެއްގެ ބިލުގައި ހިމެނުމަށް ނިންމި ނިންމުން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާ ފުޅުގެ މަތިން ބާތިލްކުރެވިފައިވާ ކަމެވެ.
މީގެ އިތުރުން، މި ބަދަލާއިއެކު ވެމްކޯގެ ޚިދުމަތް ފޯރުކޮށްދޭނީ ހަމައެކަނި އެކުންފުނީގެ ޚިދުމަތަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
އެކުންފުނިން އިތުރަށް ބުނެފައިވަނީ، ވެމްކޯގެ ބިލަށް ފައިސާ ދެއްކުމުގެ ކަންކަން އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ އޮފީސްތަކާއި ވެމްކޯގެ އަވަސްޕޭ ޕޯޓަލް މެދުވެރިކޮށް އިންތިޒާމް ކުރެވިފައިވާ ކަމެވެ.
ކުނި ބިލަށް ކޮންމެ މަހަކު 150 ރުފިޔާ ކޮންމެ ގޭބީސީއަކުން ދައްކަން ޖެހެއެވެ.

