ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން މިއަދު ދައުލަތުގެ މީޑިއާއަށް ދެއްވި މަޢުލޫމާތުގައި ހާމަކުރިގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވާލި ފުރުޞަތުގައި 39 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 19 ފަރާތެއް ޝަރުތު ހަމަވާކަމަށް ފާހަގަކުރައްވައި، މިހާރު ކުރިއަށްދަނީ އެ ފަރާތްތަކާއެކު އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށް ވަނީ ބުނެފައެވެ.
އަންނަ އަންގާރަ ދުވަހު އެސްޑީއެފްސީ ޕޯޓަލް މެދުވެރިކޮށް އާރްއެސްޑަބްލިއު ފައިނޭންސިން ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލާނެ ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މި ފަހަރުގެ ފުރުޞަތުގައި އިތުރު ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށާއި، އޭގެ ތެރޭގައި އަލަށް ބަންނަ ދޯނިތަކުގައިވެސް އާރްއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހިމެނޭކަމަށް ވެސް ވަނީ ބުނެފައެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނުގެ ދަށުން ރަހުނަކާ ނުލައި 100،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. އަދި މި ފަހަރުގެ ފެސިލިޓީގެ ދަށުން، ދޯނިތަކުގައި ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށްވެސް ފުރުޞަތު ދޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.
ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު 10 އަހަރުގެ މުއްދަތެއް ދެވޭނެ ކަމަށާއި އަދި މި މަޝްރޫޢުގެ ސަބަބުން މަސްވެރިންނަށް އައިސް ހޯދުމަށް ކުރާ ދަތުރުތަކަށް ލުއި ލިބޭނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ހުރިހާ މަސްދޯންޏެއްގައިވެސް މި ނިޒާމު ހަރުކުރުން ކަމަށް ވުޒާރާއިން ބުންޏެވެ.

