ބަށި ނުވަތަ ބްރިންޖަލްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އަދިި ރާއްޖެއިންވެސް ވަރަށް ފަސޭހަކޮށް ލިބެން ހުންނަ، އާންމުކޮށް ބޭނުން ކުރާ ތަރުކާރީއެކެވެ. މިއީ ގިނަ ސިއްހީ ފައިދާތަކެއް ލިބޭ، ވިޓަމިންތަކާއި މިނަރަލްސްއިން ފުރިގެންވާ ތަރުކާރީއެކެވެ. ގޭގައި ފަސޭހައިން ހައްދާލެވޭ ބާވަތެއްވެސްމެއެވެ. މިއަދުގެ ފަތިސްތަރީގައި މިގެނެސްދެނީ ބަށީގެ ސިއްހީ ފައިދާތަކާއި އަދި ބަށީގައި ހިކިރިހަ ކައްކާނޭ ގޮތެވެ.
ބަށީގައި އެކުލެވޭ ކްލޮރޮޖެނިކް އެސިޑް ފަދަ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން، ހަށިގަނޑު ފްރީ ރެޑިކަލްސްގެ ނޭދެވޭ އަސަރުތަކުން ރައްކާތެރިކޮށްދެއެވެ. މިކަމުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައެއް ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިވެއެވެ. އަދި މި ތަރުކާރީގައި އެކުލެވޭ ޤުދުރަތީ މާއްދާތަކުގެ ސަބަބުން ކަށީގައި ރިއްސުން، އާތްރައިޓިސް ފަދަ ބަލިތަކަށް ލުޔެއް ލިބިދެއެވެ.
ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުން: ބަށީގައި އެންޓިއޮކްސިޑެންޓްސް ގިނައިން އެކުލެވޭތީ، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް، ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.
ހިތުގެ ސިއްހަތު: ބަށީގައި އެކުލެވޭ ޕޮޓޭސިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކުރުމަށް އެހީތެރިވެދެއެވެ. އަދި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިކޮށްދެއެވެ.
ހަޖަމުކުރުމަށް ފަސޭހަކުރުން: ބަށީގައި ފައިބަރު ގިނައިން އެކުލެވޭތީ، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް، ވައިގެ އުނދަގުލުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ.

ބަށީގެ ތަފާތުއެކި ވައްތަރުތައް ހުރޭ/ ފޮޓޯ:ހެލްތީލައިފް
ބަށީގައި ހިކިރިހަ ތައްޔާރު ކުރާނެ ގޮތް:
ބޭނުންވާ ތަކެތި
- 2 މެދު ސައިޒުގެ ބަށި
- ½ 1 ޖޯޑު ތެޔޮ (ބަށި ތެލުލަން)
- 1 ފިޔާ
- 1 މޭޒުމަތީ ސަމުސާ ގިތެޔޮ
- 6 އިންޗި ރާނބާ
- 8 ހިކަނދިފަތް
- 3 އިންޗި ފޮނިތޮށި
- ކޮށާފައި ހުރި ހިކިމަސް
- 2/3 ސައިސަމުސާ ލޮނު
- 2 ސަމުސާ ނުމުގުރާ ހުރި ކޮތަނބިރި
- 1/3 ސަމުސާ ނުމުގުރާ ހުރި ދަވިއްގަނދު
- 1/4 ސަމުސާ ނުމުގުރާ ހުރި ދިރި
- ހައެއްކަ ހިކި މިރުސް
- 1/4 ސަމުސާ ނުމުގުރާ ހުރި އަސޭމިރުސް
- 1/4 ސަމުސާ ރީނދޫ
- 1 ލޮނުމެދު
- 1 އިންޗީގެ އިނގުރު

ބަށި ހިކިކޮށް/ ފޮޓޯ:މައިރެސިޕީ
ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ކަމަކަށް، ތަވައެއް ހޫނުކޮށް، ކޮތަނބިރި، ދަވިއްގަނދު، ދިރި، ހިކިމިރުސް އަދި އަސޭމިރުސް މެދުމިން ހަނާކުރުމަށްފަހު، މިކްސަރަށް އަޅައި، ރީނދޫ، ލޮނުމެދު އަދި އިނގުރު އެއްކޮށްލުމަށްފަހު، ފެންފޮދެއް އަޅައި ރަނގަޅަށް ހިމުންކޮށްލާށެވެ. (އިހުގައި ފުނޑައިގެން މިރުސްގަނޑު ހެދިޔަސް އަދުގެ ޒަމާނުގައި ބްލެންޑަރު ނޫނީ ތައްޔާރީ ހަވާދުވެސް ލިބެން ހުންނާނެއެވެ. އެހެން ވިޔަސް ރަހަމީރުވާނީ މިތަކެތި ވަކިން މިގޮތަށް ތައްޔާރުކުރުމުން ކަމަށްވާތީ އެގޮތް ބުނެދިނީމެވެ.)

ބަށި ކޮށާއިރު ކުޑަލޮނުކޮޅެއް އަޅައިގެންވެސް ފެނަށް ކޮށައި އުޅެއެވެ. / ފޮޓޯ:މައިރެސިޕީ
ދެން ބަށި އިންޗިއެއްހާ ބޯމިނަށް ކޮށާލުމަށްފަހު، ތެޔޮ ހޫނުކޮށް، ބަށި ކުލަ އަރަންދެން ތެލުލާށެވެ. ތެލުލެވުނު ބަށި ޓިޝޫއެއްގެ މައްޗަށް ނަގާށެވެ. އޭގެފަހުން ގިތެޔޮ ހޫނުކޮށް، ފިޔާ، ރާނބާ، ހިކަނދިފަތް އަދި ފޮނިތޮށި އަޅައި، ފިޔާ މަޑުވެ މުށިކުލަ އަރަންދެން ހަނާކޮށްލާށެވެ.
އަދި ދެން ތެލުލާފައި ހުރި ބަށި، ހިކިމަސް، ހަވާދު އަދި ލޮނު އެއްކޮށްލުމަށްފަހު މަޑުގިނީގައި ކައްކައި، ލޮނުހެޔޮވަރުކޮށްލާށެވެ. ބަށި ހިކިރިހަ އާއެކު ބަތް ނޫނީ ރޮށިވެސް ކެވިދާނެއެވެ.

ބަށީގެ ތަފާތުއެކި ވައްތަރުތައް ހުރޭ/ ފޮޓޯ:ހެލްތީލައިފް
ޖުމްލަ ގޮތެއްގައި ބަށިން ލިބޭ ފައިދާތައް
- އެސްތްމާ ނުވަތަ ނޭވައަށް އުނދަގޫވުން ކޮންޓްރޯލްކުރުމަށް އެހީތެރިވެދީ، ނޭވާލާ ނިޒާމު ހަރުދަނާކުރުން
- ކޮލެސްޓްރޯލް ދަށްކޮށްދީ، ހިތުގެ ދުޅަހެޔޮކަން އިތުރުކުރުން
- ލޭގެ ޕްރެޝަރ ދަށްކޮށް، މަތިވިޔަނުދިނުމަށް އެހީތެރިވުން (ބަށީގައި އެކުލެވޭ ޕޮޓޭސިއަމްގެ ސަބަބުން)
- ހަކުރުބަލި ކޮންޓްރޯލްކުރުމަށް އެހީތެރިވެދިނުން
- ހަޖަމުކުރުން ރަނގަޅުކޮށްދީ ބަނޑުހަރުވެ ބޮޑުކަމުދާން އުނދަގޫވާ މީހުންނަށް ލުއިކޮށްދޭ،
- ބަރުދަން ކޮންޓްރޯލްކުރުމަށް އެހީތެރިވުން (ބަށީގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވޭތީ)
- ވަކި ބާވަތްތަކުގެ ކެންސަރު ޖެހުމުގެ ފުރުސަތު މަދުކުރުން
- އިސްތަށިގަނޑާއި ހަމުގެ ދުޅަހެޔޮކަން އިތުރުކުރުން
- އާތްރައިޓިސް އަދި ގެސްޓްރައިޓިސް ފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް އެހީތެރިވުން
- ހިތުގެ ސިއްހަތު ރަނގަޅުކޮށް އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު މަދުކުރުން
ބަށީގައި އެކުލެވޭ މުހިންމު ނިއުޓްރިއެންޓްސް
- ވިޓަމިން ސީ
- ވިޓަމިން ކޭ
- ވިޓަމިން ބީ6
- ޕޮޓޭސިއަމް
- ފައިބަރު
- އެންތޮސައިނިންސް:
ބަށްޓަކީ ގިނަ ސިއްހީ ފައިދާތަކެއް ލިބޭ، ފަސޭހައިން ލިބެން ހުންނަ ތަރުކާރީއެކެވެ. ކެއުމުގެ ވައްޓަފާޅިއަށް ބަށި އިތުރުކުރުމުން ހަށިގަނޑުގެ ސިއްހަތު ރަނގަޅުވެ، ގިނަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެއެވެ.

