ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ރެކޯޑު ހިފަހައްޓަމުން އައި، ޖަޕާނުގެ ޓޮމިކޯ އިޓޫކާ މަރުވެއްޖެއެވެ.
އިޓޫކާ މަރުވީ 116 އަހަރުފުރި، ޑިސެމްބަރު 29 ވަނަ ދުވަހު އާޝިޔާ ސިޓީގައި ހުންނަ ދުވަސްވީ މީހުންގެ މަރުކަޒުގައެވެ. އާޝިޔާ ސިޓީގެ މޭޔަރު ރިޔޯސުކޭ ޓަކަޝީމާ ވިދާޅުވެފައިވަނީ އިޓޫކާގެ ހަޔާތުން ގިނަ ބަޔަކަށް ފާހަގަކުރެވޭ ހިތްވަރަކާއި އުއްމީދު ލިބިގެންދިޔަ ކަމަށެވެ.
1909 ވަނަ އަހަރުގެ މެއި 23 ވަނަ ދުވަހު އުފަންވި އިޓޫކާއަށް ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ މަގާމު ލިބުނީ، ކުރިން މި މަގާމުގައި ހުރި އެމެރިކާގެ މަރިއާ ބްރާންޔަސް 117 އަހަރުގައި މަރުވުމާ ގުޅިގެންނެވެ.

އިޓޫކާ،އެކިއުމުރުގައި: . ފޮޓޯ: ޑެއިލީމެއިލް
އިޓޫކާގެ އާއިލީ ހަޔާތަށް ބަލާއިރު، 20 އަހަރުގައި ކައިވެނި ކުރުމަށްފަހު ދެ އަންހެން އަދި ދެ ފިރިހެން ދަރިން ލިބިފައިވެއެވެ. މަރުވިއިރު އެ ދަރިންގެ ތެރެއިން ދެ ދަރިން ދުނިޔޭގައި ތިއްބެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އޭނާގެ ފިރމީހާގެ ފޭރާން ވިޔަފާރީގައި އުޅުނެވެ. އޭނާގެ ފިރިމީހާ މަރުވީ 1979 ގައެވެ.

ދިރާސާތަކުން ދައްކާގޮތުގައި ޖަޕާނުގެ އަންހެނުންނަކީ ދުނިޔޭގެ އެހެން ގައުމުތަކާ އަޅާބަލާއިރު އުމުރު ދިގު ބައެކެވެ. ޖަޕާނުގައި މަސައްކަތްތެރިންގެ އަދަދަށްވުރެ ދުވަސްވީ މީހުންގެ އަދަދު މަތިވުމާއެކު، އެމީހުންގެ ސިއްހީ އަދި އެހެނިހެން ހަރަދުތައް ބޮޑުވުމަކީ މިހާރު ޖަޕާނުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމުގައި ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

