ހުޅުމާލޭގައި މިދިޔަ މަހު ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުށް ބަޔަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. މި އެކްސިޑެންޓް ހިނގީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ދަންވަރު 1:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައެވެ.
މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 18 އަހަރުގެ ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. އައިޖީއެމްއެޗްއިން މަޢުލޫމާތު ދިންގޮތުގައި އަނިޔާވި ޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުށް ބަޔަކުވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށެވެ.
އިތުރު މަޢުލޫމާތު ދެއްވަމުން ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ޚިލާފުވެގެން އެ ގާނޫނުގެ ދަށުން މިދިޔަމަހުގެ 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއްކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ބަލަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

