ރޯޑް ކޯޕަރޭޝަނުން ކުރިއަށް ގެންދާ ބިނާވެހި-އިންޓަރންޝިޕް ޕްރޮގްރާމްގެ ތިން ވަނަ ބުރު މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމްގެ މި ބުރުގައި 5 ބައިވެރިން ހިމެނޭއިރު، މިއީ 6 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.
ބިނާވެހި-އިންޓަރންޝިޕް ޕްރޮގްރާމަކީ 16 އަހަރާއި 21 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ސާނަވީ އިމްތިހާނަށްފަހު މަތީ ސާނަވީ ތަޢުލީމު ފެށުމާ ދެމެދު ނުވަތަ މަތީ ސާނަވީ އިމްތިހާނަށްފަހު ކޮލެޖްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް، އަދި ތަޢުލީމީ މަރުކަޒުތަކަށް ހާޒިރުނުވާ ފަރާތްތަކަށް، އެކި ދާއިރާތަކުން މަސައްކަތުގެ ހުނަރާއި ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމެވެ.

ރޯޑް ކޯޕަރޭޝަނުން ކުރިއަށް ގެންދާ ބިނާވެހި-އިންޓަރންޝިޕް ޕްރޮގްރާމްގެތެރެއިން/ފޮޓޯ:އާރްޑީސީ
މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ފަރާތަކަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދެވޭނެއެވެ. މީގެ މައިގަނޑު މަޤްޞަދަކީ މަސައްކަތުގެ މާޙައުލަށް ދަރިވަރުން ހޭނުވައި، މަސައްކަތުގެ މާޙައުލަށް ނިކުންނައިރު ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
ބިނާވެހި ޕްރޮގްރާމްގެ ބައިވެރިންނަށް މަސައްކަތްކުރެވޭނެ ދާއިރާތަކުގެ ތެރޭގައި އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައި.ސީ.ޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އަދި އެޗް.އާރު ހިމެނެއެވެ.

ރޯޑް ކޯޕަރޭޝަނުން ކުރިއަށް ގެންދާ ބިނާވެހި-އިންޓަރންޝިޕް ޕްރޮގްރާމްގެތެރެއިން/ފޮޓޯ:އާރްޑީސީ
މީގެ އިތުރުން ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިންގ، އަދި ޕަބްލިކް ރިލޭޝަންސްގެ ދާއިރާތަކުންވެސް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ރޯޑް ކޯޕަރޭޝަނުން މި ޕްރޮގްރާމް ފަށައިގަތުމާއެކު، ޒުވާނުންނަށް މަސައްކަތުގެ ދުނިޔެއަށް ތައްޔާރުވުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. މި ޕްރޮގްރާމްގެ ސަބަބުން ޒުވާނުންގެ ހުނަރު އިތުރުވެ، ވަޒީފާގެ މާޙައުލަށް ނިކުތުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

