]ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ކޮންޓްރެކްޓަރުން ހޯދަން މިމަހު އިޢުލާން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ސަރުކާރުން ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރުން ހޯދަން މިމަހު އިޢުލާންކުރައްވާނެ ކަމަށެވެ.
ކ. ގުޅީގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރަކީ ތަރައްޤީގެ މަސައްކަތާއެކު، މުއްސަނދިކަން ރައްޔިތުންނަށް އިހްސާސްކޮށްދިނުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރެއް ކަމަށެވެ. އަދި މިއަހަރު އެކި ދާއިރާތަކުން ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި، އޭގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ގޯތިގެދޮރު ބިނާކުރުމާއި ބޯހިޔާވަހިކަމާ ގުޅޭ މަޝްރޫޢުތަކަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، "ކެމްޕެއިން ތެރޭގައި އަދި މެނިފެސްޓޯގައި ހިމަނާފައިވާ ހުރިހާ ހައުސިން މަޝްރޫޢުތަކުގެ، ޢަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިމަހުގެ ތެރޭގައި އިޢުލާނުކުރާނަން. މިއަހަރު ވެގެންދާނީ އެއް އަހަރުތެރޭ ގެދޮރުވެރިކަމާގުޅޭ އެންމެ ގިނަ މަސައްކަތްތައް ކުރެވޭ އަހަރަށް" ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ އުތުރުގައި 20,000 އަދި ދެކުނުގައި 20,000 ހައުސިން ޔުނިޓްގެ މަޝްރޫޢު ހިންގެވުން ހިމެނެއެވެ. މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތްތަކަށް 2.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، އޭގެ ތެރެއިން 1 ބިލިއަން ރުފިޔާ ހިމަނާފައިވަނީ އުމްރާނީ މަސައްކަތްތަކަށެވެ.
މީގެއިތުރުން، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މުހިންމު މަޝްރޫޢުތައްވެސް މިއަހަރު ކުރިއަށްގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޚާއްޞަކޮށް "ރަސްމާލެ" މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރެއްވުމަށް އިތުރު ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
އަދި "ހިޔާވަހި" ލުއި ލޯނު ސްކީމްގެ ދަށުން، އަމިއްލައަށް ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށްރާތްތަކަށް މާލީ އެހީ ދިނުމުގެ މަސައްކަތްވެސް މި އަހަރު ފަށާނެ ކަމަށާއި، ސަރުކާރުން އަމިއްލަ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކުރުމަށް، ކުރިއަށް އޮތް ދެމަސްތެރޭ ފައިސާ ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިގޮތަށް ފައިސާ ދޫކުރެއްވުމުގެ ސަބަބުން ކުންފުނިތަކުގެ މާލީ ޙާލަތު ރަނގަޅުވެ، ކުންފުނިތައް އަލުން ހިނގައިގަތުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ.

