ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ކޮންޓްރެކްޓަރުންނަށް ދައްކަން ޖެހިފައިވާ ޕެންޑިންގ ބިލްތަކުގެ ބޮޑު ބައެއް ކުރިއަށް އޮތް ދެ މަސް ތެރޭގައި ދައްކާ ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ކ. ގުޅީގައި ބޭއްވުނު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިދިޔަ އަހަރު އިޤްތިޞާދު ނަގާ ކޮޅަށް ޖެއްސުމަށް ކުރެވުނު މަސައްކަތުގެ ބިންގަލުގެ މައްޗަށް އިތުރު ހަރުފަތްތަކެއް ގިރާކޮށް، ރައްޔިތުންނަށް އޭގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ކުރީގެ ސަރުކާރުން ނުދައްކާ ހުރި އެތައް ބިލްތަކެއް ހުރި ކަމަށާއި، މިދިޔަ އަހަރު ތެރޭގައި ވަރަށް ގިނަ ފަރާތްތަކަށް ފައިސާ ދޫކުރެވިފައިވާ ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުން، މި މަހާއި އަންނަ މަހާ ދެމެދުގައި، 2023 ވަނަ އަހަރުގެ ޕެންޑިންގ ބިލްތަކާއެކު ވީހާވެސް ގިނަ ފަރާތްތަކަކަށް ފައިސާ ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުންނާއި އެސްއޯއީތަކުން، އާރްޑީސީ، ވެމްކޯ ފަދަ ކުންފުނިތަކުން އާންމު ކުންފުނިތަކާ ހަވާލުކޮށްގެން ކުރުވާފައިވާ މަސައްކަތްތަކަށް ނުދެވި ހުރި ފައިސާ ދެއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
“ދެ މަސް ތެރޭ އަޅުގަނޑުމެން މި ބަލަނީ މިފަދަ ގިނަ ބަޔަކަށް ފައިސާ ދީ އަތްމަތި ތަނަވަސްކޮށްދޭން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި އަހަރަކީ ތަރައްޤީގެ އަމަލީ މަސައްކަތްތަކާއި، މުއްސަނދިކަން ރައްޔިތުންނަށް އިހުސާސްކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި އަދި ވަރަށް ހަލުވިކަމާއެކު ކުރިއަށްދާނެ އަހަރަކަށް ވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

