އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ. މިއީ މިނިސްޓްރީގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް، ގިނަ ދުވަހު މަސައްކަތް ކޮށްދެއްވައިފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.
މި ރަސްމިއްޔާތުގައި ފާއިތުވި އަހަރު އެންމެ ހާޒިރީ ރަނގަޅު މުވައްޒަފުންނަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވެއެވެ. އަދި ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރައްވައިފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ވެސް ހަނދާނީ ފިލާ ދީފައިވާ ކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ. އެފަދަ މުވައްޒަފުންގެ ތެރޭގައި ވުޒާރާއަށް 15 އަހަރާއި، 20 އަހަރު އަދި 25 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ މުވައްޒަފުން ހިމެނެ އެވެ.
މީގެ އިތުރުން، މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުން އެންމެ ރަނގަޅު މުވައްޒަފުން ހޮވައި، އަދި މިނިސްޓްރީގެ ސެކްޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު ސެކްޝަންތަކާއި މަހާސިންތާތަކުގެ ތެރެއިން އެންމެ ރަނގަޅު މަހާސިންތާތަކަށް ވެސް ވަނީ ހަނދާނީ ފިލާ ދީފައެވެ.
މި އަހަރުގެ ތެރޭގައި ވުޒާރާގެ އެކްޝަން ޕްލޭންގައި ޙާސިލްކުރާން ކަނޑައެޅި ކަންތައްތަކުގެ ތެރެއިން 98 އިންސައްތަ ޙާސިލްކުރެވިފައިވާކަމަށް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވިއެވެ. އަދި ކާމިޔާބިތައް ހާސިލުކުރުމުގައި މުވައްޒަފުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރާކަމަށް ވެސް ވިދާޅުވެފައިވެއެވެ.

