ފުލުހުންގެ ބެލުމުގެ ދަށުގައި މަރުވި އަޠުހަރުގެ މައްސަލާގައި ދެ ފުލުހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އާދަމް އަޠުހަރު މަރުވި މައްސަލާގައި ދެ ފުލުހަކަށް ދައުވާކޮށް ދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.
މިދިޔަ އޯގަސްޓު މަހުގެ 29 ވަނަ ދުވަހު، މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލާގައި ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަޠުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އޭނާ މަރުވިއެވެ. މި މައްސަލަ ތަޙުޤީޤުކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އޭރު ފަށާފައެވެ.
އެޗްއާރްސީއެމްއިން މި މައްސަލަ ތަޙުޤީޤުކުރުމަށްފަހު، ދެ ފުލުހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަން އެ ކޮމިޝަނުން ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
އެޗްއާރްސީއެމްއިން މި މައްސަލަ ތަޙުޤީޤުކުރަން ފެށުމާ ގުޅިގެން ނެރުނު ބަޔާނުގައި، އަޠުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގައި ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި، އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމުގައި ފުލުހުން ޢަމަލުކުރި ގޮތް ބަލާނެކަމަށް ބަޔާންކޮށްފައިވެއެވެ.
އަދި ސެޕްޓެމްބަރު 1 ވަނަ ދުވަހު ދިމާވި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެކަން އެ ކޮމިޝަނުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، އެ ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ކަމާ ގުޅުންހުރި މަޢުލޫމާތުތައް އެއްކޮށް، ޖަލުގައި ހިނގި ކަންކަންވެސް ބަލަމުންދާ ކަމަށް އެޗްއާރްސީއެމްއިން ބުނެފައިވެއެވެ.
މި މައްސަލައިގައި ފުލުހުން އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވާއިރު، އަޠުހަރު މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމްވެސް ވަނީ ހަދާފައެވެ.

