ރާއްޖޭގައި އިންޑިއާގެ އައު ސަފީރުގެ ގޮތުގައި ހަމަޖެހިވަޑައިގެންނެވި ޖީ ބަލަސުބްރަމާނިއަން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ސަފީރު ޖުމްހޫރީ މައިދާނުން ރައީސް އޮފީހަށް ވަޑައިގެންނެވީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ޑްރަމާއި ޓްރަމްޕެޓް ބޭންޑާއެކު “ހައިކޮޅު” ގެ ނަމުގައި ބޭއްވި ސަގާފީ ހިނގާލުމެއްގައެވެ.
ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. އެސް ޖައިޝަންކަރުގެ ފަރާތުން މަރުހަބާ ވިދާޅުވެފައިކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްއާއި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިންޑިއާ ސަރުކާރުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާއި، އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ވެސް ދެ ބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރާއްޖެއާއި އިންޑިއާއަކީ އަވައްޓެރި އަދި ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. އިންޑިއާއިން ރާއްޖެއަށް ގިނަ އެހީތަކެއް ދެމުން އަންނަ އިރު، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި އިންޑިއާގެ ބައިވެރިވުން ބޮޑެވެ.

