ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ގަވާއިދާ ޚިލާފަށް ވިޔަފާރީގެ ހަރަކާތްތަކެއް ހިންގަމުންދިޔަ ދެ ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުރުދުންގެ ރައްޔިތެއް ކަމަށްވާ ރަބީ ހައިތަމް އަހުމަދު ޖުމާހުއާއި ސީރިޔާގެ ރައްޔިތެއްކަމަށްވާ އިމާން ކަރަމާންއެވެ. މި ދެމީހުން ހައްޔަރުކުރެވުނީ ބިދޭސީންގެ މައްސަލަތައް ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ އިމިގްރޭޝަން ވޮޗަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.
މި ހާދިސާއާ ގުޅިގެން، އިމިގްރޭޝަނުންވަނީޝަނުންވަނީ މިފަދަ މައްސަލަތައް އިމިގްރޭޝަން ވޮޗަށް ރިޕޯޓު ކުރަމުން ގެންދިއުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގައި ތިބި ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ މީހުން ހޯދުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
އިމިގްރޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ތެރޭގައި 5000 އަށްވުރެ ގިނަ ބިދޭސީންވަނީ އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ. މީގެ އިތުރުން، މުޅި ރާއްޖޭގައި ބިދޭސީންގެ ބައޯމެޓްރިކްސް ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު، ގަވާއިދާ ޚިލާފަށް ވިޔަފާރިތަކުގައި ހަރަކާތްތެރިވަމުންދާ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ލިބުމުން އަންގާނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

