ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުރިހަމަވެގެންދާ ފުރަތަމަ މަރުހަލާގައި ރާއްޖެއަށް ގެނެސްފައިވާ ވައިޑްބޮގެޑީ ފުރަތަމަ އެއާކްރާފްޓު ރަސްމީކޮށް އިފުުތިތާހު ކުރާ މިހާއްސަ ދުވަހު، އެމަނިކުފާނުގެ ވައުދުފުޅު ރަނުން ރަނަށް ފުރިހަމަކޮށްދެއްވުމަށް، ވައިޑް ބޮޑީގެ ދެވަނަ އެއަރކްރާފްޓް އަންނަ އޮކްޓޫބަރުމަހު ރާއްޖެ ގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވީ މިއަދު ބޭއްވުނު ޤައުމީ އެއަރލައިން، މޯލްޑިވިއަނަށް ގެނައި ފުރަތަމަ ވައިޑް ބޮޑީ އެއަރކްރާފްޓް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ އުދުހުމުގެ ތާރީޚުގައިވެސް ކުލަގަދަ ދުވަހެއްކަމަށެވެ.
“އަޅުގަނޑު ވަޢުދުވީ ވައިޑް ބޮޑީ ދެ އެއަރކްރާފްޓް އައިލޭންޑް އެވިއޭޝަނަށް ގެނެސް އޮޕަރޭޝަން ފެށުމަށް. އެގޮތުން ފުރަތަމަ އެއަކްރާފްޓް ގެނެސް މިއަދު މިމަސައްކަތް ފެށެނީ،” ރައީސް ޑރ މުއިއްޒު،
ރައީސް ޑރ މުއިއްޒު ވިދާޅުވީ ވައިޑް ބޮޑީ އެއަރކްރާފްޓާއެކު ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި ރިޔާސީ ވަޢުދާ އެއްގޮތަށް އަންނަ އޮކްޓޫބަރުމަހު ވައިޑް ބޮޑީގެ އިތުރު އެއަރކްރާފްޓެއް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
“މިއަހަރުގެ އޮކްޓޯބަރ މަހު ދެވަނަ ބޯޓު އުދުހެން ފަށާނެ. އަޅުގަނޑަށް އެކަމުގެ ޔަޤީންކަން އެބައޮތް. އޮކްޓޯބަރ މަހަށް އުދުހުން ފެށުމަށް ވުޒާރާތަކުން ދަނީ މަސައްކަތް ކުރަމުން،” ރައީސް ޑރ މުއިއްޒު،
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ ޤައުމީ އެއަރލައިނަށް އަންނަ ކުރިއެރުމާއެކު ފަތުރުވެރިކަމުގެ ސިނާޢަތަށް އަދި އުދުހުމުގެ އިންޑަސްޓްރީއަށް ކުރިއެރުންތަކެއް ލިބޭނެކަމަށެވެ. އަދި 2025 ވަނަ އަހަރަކީ ތަރައްޤީގެ އަހަރުކަމަށާއި، އެކި ދާއިރާތަކުން ތަރައްޤީގެ މަސައްކަތް ޢަމަލީގޮތުން ފެށިގެންދާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ނިންމާލަމުން ވިދާޅުވީ ޤައުމަށް ތަރައްޤީ ގެނައުމާއެކު، ހަމަޖެހުން ޤާއިމްވެ، މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓިގެންދާނެ ވަށާޖެހޭ ތަރައްޤީއެއް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

