މިފެށުނު 2025 ވަނަ އަހަރަކީ ތަރައްގީގެ އަހަރެއް ކަމަށާއި ހުރިހާ ދާއިރާއަކުންވެސް އަމަލީ ތަރައްގީ ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ފުރަތަމަ ބޯޓުގެ އޮޕަރޭޝަން ފެށުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރަކީ ތަރައްގީގެ އަހަރެއްގެ ގޮތުގައި ފާހަގަކުރެވިގެންދާނެ ކަމަށެވެ.
“އިރާދަކުރެއްވިއްޔާ ދިވެހި ރައްޔިތުން ދެކެވަޑައިގަންނަވާނީ ތަރައްގީ އަމަލީ ގޮތުން ފެނިގެންދާތަން. ކޮންމެ ދާއިރާއަކުން ވެސް، އެއީ އިގްތިސާދީ ދާއިރާތަކުން ކަމުގައި ވިޔަސް، އުމްރާނީ ތަރައްގީއާ ގުޅިފައިވާ އެކިއެކި ދާއިރާތަކުން ކަމުގައި ވިޔަސް، އިޖުތިމާއީ ގޮތުން ގައުމަށް ގެންނަން މަސައްކަތްކުރާ ހެޔޮ ބަދަލުތަކުގެ ދާއިރާއިން ކަމުގައި ވިޔަސް،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގައުމުގެ ތަރައްގީއާއެކު ހަމަޖެހުން ގާއިމުވެ، މިނިވަންކަމާއި ސިޔާދަތު ޔަގީންކަމާއެކު ދެމެހެއްޓޭނެ ވަށާޖެހޭ ތަރައްގީއެއް ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި ތާއީދު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ފާހަގަކުރެއްވި ގޮތުގައި، ޗައިނާގެ ބައެއް ހިސާބުތަކަށް މިއަދު ފެށުނު އުދުހުންތަކަކީ ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު މަންޒިލުތަކަށް އުދުހުންތައް ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

