ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ޤައުމީ އެއަރލައިން މޯލްޑިވިއަނަށް ފުރަތަމަ ފަހަރަށް ވައިޑްބޮޑީ މަތިންދާބޯޓެއް މިއަދު ގެނެވިއްޖެއެވެ. މި ތާރީޚީ ވަގުތު ފާހަގަކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް ގެނެވުނު މި ފުރަތަމަ ވައިޑްބޮޑީ މަތިންދާބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330-200 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ. މި ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސީ މިއަދު ހަވީރު 5:00 ގައެވެ. ބޯޓު ޖެއްސުމުގެ ކުރިން ރަންވޭ މަތިން ލޯ ޕާސް ދަތުރެއް ކުރިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް މުޢިއްޒު ވަނީ ޤައުމީ އެއަރލައިނަށް 2 ވައިޑްބޮޑީ މަތިންދާބޯޓު އިތުރުކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު، ސަރުކާރުން އެ މަސައްކަތް ފައްޓަވައި، މިއަދު އެ ވަޢުދުފުޅުގެ ފުރަތަމަ ބައި ފުއްދަވައިފިއެވެ.

މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ވައިޑް-ބޮޑީ މަތިންދާ ބޯޓެއް ވަނީ ގެނެސްފައި / މިއީ ރައީސްގެ ރިޔާސީ ވަޢުދެއް
މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވި ގޮތުގައި މި ބޯޓު ގެނައުމަކީ ތާރީޚީ ކަމެކެވެ. އަދި މި މަސައްކަތުގައި މުޅިންވެސް ދިވެހިން ހަރަކާތްތެރިވުމަކީ ލިބިގެންދިޔަ ފަޚުރެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަންގެ ވައިޑްބޮޑީ އޮޕަރޭޝަންތައް ފެށުމާއެކު، އަހަރަކު 60,000 ފަސިންޖަރުން ރާއްޖެއަށް ގެނެވޭނެ ކަމަށް ލަފާކުރެވެއެވެ. މި ބޯޓުގެ ދަތުރުތައް ފުރަތަމަ ފަށާނީ ޗައިނާގެ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންގއަށެވެ. ހަފްތާއަކު ތިން ދަތުރު މި ތިން ސިޓީއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އައު ބޯޓުގައި އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސް އަދި ޕްރިމިއަމް ކްލާސްގެ ތިން ކެޓަގަރީގެ ޚިދުމަތް ލިބެން ހުންނާނެއެވެ.

