މިއަހަރަކީ ކެމްޕޭނުގައި އެކި ރަށްރަށަށް ގޮސް ވެފައިވާ ވަޢުދުތަކާއި މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ފުއްދުމަށް ރޭވިގެން މަސައްކަތްކުރެވޭނެ އަހަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ މިއަދު ގދ. ހޯނޑެއްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވަޢުދުތައް ފުއްދުން ކަމަށާއި، އެހެންކަމުން މިއަހަރުގެ ބަޖެޓު އެކުލަވާލެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެހީތެރިކަމާއެކު އެ މަޤްޞަދު ހާސިލުކުރުމަށް ކަމަށެވެ. އަދި މިއީ ވަޢުދުތައް ޢަމަލީ ސިފައެއްގައި ތަންފީޒުކޮށް، ނަތީޖާ ފެންނާނެ ބަޖެޓެއް ކަމުގައިވެސް ވިދާޅުވިއެވެ.
"މިއަހަރަކީ ކެމްޕޭނުގައި އެކި ރަށްރަށަށް ގޮސް ވެފައިވާ ވަޢުދުތަކާއި މެނިފެސްޓޯގައި ހިމެނޭ ކަންތައްތައް ފުއްދުމަށް ރޭވިގެން މަސައްކަތްކުރެވޭނެ އަހަރެއް. އެހެންކަމުން، ސަރުކާރުގެ މަސައްކަތްތަކުގެ ނަތީޖާ މުޅި ރާއްޖޭގެ ރައްޔިތުންނަށް ފެންނަމުންދާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރަށްރަށަށް ޒިޔާރަތްކުރައްވަމުން ގެންދަވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، އެބައިމީހުންގެ ޚިޔާލާއި ވިސްނުން އަޑުއަހައި، އެންމެ އެކަށީގެންވާ ހައްލު ހޯދައިދެއްވުމަށް ކަމަށެވެ. އަދި މިއަދު ފެއްޓެވި ދަތުރަކީ ހުވަދު އަތޮޅުގައި އަދި ނުދެވި ހުރި ރަށްތަކަށް ދިއުމުގެ މަޤްޞަދުގައި ކުރެވޭ ދަތުރެއް ކަމަށާއި، މިއަހަރުގެ ތެރޭގައި ކުރިން ޒިޔާރަތްކޮށްފައިވާ ރަށްތަކަށް ވެސް ވީވަރަކުން ދަތުރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި 2024 ވަނަ އަހަރުގެ ބަޖެޓަކީ މައިގަނޑު ގޮންޖެހުމެކެވެ. ސަބަބަކީ އެއީ މި ސަރުކާރުން ފާސްކުރި ބަޖެޓެއްކަމަށް ނުވެފައި ކުރީގެ ސަރުކާރުން ދަަމުން ދިޔައީ ގަސްތުގައި އެއްވެސް ކަމެއް ނުކުރެވޭނެ ގޮތަށް ބަޖެޓު އެކުލަވާލާފައި ކަމަށް ވުމުން، 2024 ނިމިގެންދިޔައީ އެއްވެސް ކަމެއް ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައެވެ. މިއީ ރައްޔިތުންނަށްވެސް ހާމަވެ އެެނގެން އޮތް ކަމެއްމެއެވެ،
އެހެންނަމަވެސް، ރައީސް މުއިއްޒު ޔަގީންކަން ދެއްވީ ސަރުކާރުން މިހާރު މަސައްކަތް ފަށައިގަނެ، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ތަންފީޒުކުރަން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އަވަސް ޙައްލު ބޭނުންވެފައިވާ މައްސަލަތަކަށް ވީހާވެސް އަވަހަކަށް ފިޔަވަޅު އަޅައި ނިންމުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

