މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހިނގި އެކްސިޑެންޓެއްގައި ކާރެއް ޕިކަޕެއްގައި ޖެހިގެން އެކްސިޑެންޓްވުމަށް މެދުވެރިވީ ކާރު ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 10 ޖަހާއިރު ހާއްސައިގައެވެ. އެ ކުންފުނިން ބުނީ އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރު ދުއްވަން ހުރި ޑްރައިވަރަށް ދިމާވި ސިއްހީ ކުއްލި ހާލަތެއްގެ ސަބަބުން ކަމަށް ޕްރެލިމިނަރީ އެސެސްމެންޓްތަކުން ލަފާކުރެވޭ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ، މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ކާރުގެ ފަހަތުގައި އިން މީހާއަށް އަނިޔާވެގެން އެއާޕޯޓްގެ ކްލިނިކްގައި ފަރުވާދީފައިވާ ކަމަށާއި، އެ މީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
މި އެކްސިޑެންޓްގެ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ފޮޓޯތަކުން ފެންނަ ގޮތުގައި ޕިކަޕުގެ ފަހަތުގައި ކާރު ޖެހުމުން، ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޚާއްޞަކޮށް ކާރުގެ ކުރީކޮޅު ވަނީ އެއްކޮށް ކަހަލަ ގޮތަކަށް ހަލާކުވެފައެވެ.

