މޯލްޑިވިއަންގެ ވައިޑް-ބޮޑީ އެއަރކްރާފްޓްގެ ފުރަތަމަ ދަތުރު ކުރާނީ ޗައިނާގެ ޗެންޑޫއަށްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
މި ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
މޯލްޑިވިއަންގެ ޚިދުމަތަށް މުޅިން އަލަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނައީ އިއްޔެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ފުއްދުމުގެ ގޮތުން ގެނައި ބޯޓެކެވެ. މި ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، ވައިޑް-ބޮޑީ މަތިންދާ ބޯޓު ރާއްޖެ ގެނެސް ދަތުރުތައް ފެށުމަށް މިހާރު މަސައްކަތްތައް ކުރައްވަމުން އަންނަކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ބޯޓު ރާއްޖެއަށް ރަޖިސްޓްރީކުރުމާއި، ކްރޫ ތަމްރީނުކުރުމާއި އެހެނިހެން އިދާރީ މަސައްކަތްތައް ކުރިއަށްދަނީއެވެ.
ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް ޗައިނާގެ 3 ސިޓީއަކަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޝެންހާއި، ޗެންޑޫ އަދި ބެއިޖިންއަށެވެ. މޯލްޑިވިއަންއިން ބުނާ ގޮތުގައި މި އޮޕަރޭޝަންތައް ފެށުމާއެކު އަހަރެއްގެ މައްޗަށް 60 ހާސް ފަސިންޖަރުން ރާއްޖެ ގެނެވޭނެކަމަށް ލަފާކުރެވެއެވެ.
މި ބޯޓުގައި އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސް އަދި ޕްރިމިއަމް ކްލާސްގެ ތިން ކެޓަގަރީގެ ފަސިންޖަރުންނަށް ޚިދުމަތްދޭނެއެވެ. މި އައު ވައިޑް-ބޮޑީ އެއަރކްރާފްޓް ގެނައުމާއެކު، މޯލްޑިވިއަންގެ ޚިދުމަތްތައް ފުޅާވެ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް އުންމީދުކުރެވެއެވެ.

