ސަރުކާރުން ދިވެހި ކުންފުނިތައް މެދުވެރިކޮށް ހިންގާފައިވާ މަޝްރޫޢުތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން، އަންނަ ހަފްތާގެ ތެރޭގައި 500 މިލިއަން ރުފިޔާ ދޫކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހުވަދު އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ގދ. ހޯނޑެއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ފައިސާ ދޫކުރެއްވުމުގެ މަޤްޞަދަކީ ކުންފުނިތަކުގެ ބަޖެޓުގެ މައްސަލަތައް ޙައްލުކުރުމާއި، މަސައްކަތްތައް އަވަސްކުރުމެވެ.
ރައީސް ވިދާޅުވީ 2024 ވަނަ އަހަރަށް ހެދި ބަޖެޓު އޮތީ އައު ސަރުކާރަކަށް މަސައްކަތްތައް ކުރިއަށް ގެންދަން ފުރުޞަތު ނުލިބޭ ގޮތަށް ކަމަށާއި، އޭގެ ސަބަބުން ވަރަށް ގިނަ މަސައްކަތްތައް ހުރީ ހުއްޓިފައި ނުވަތަ ލަސްވެފައި ކަމަށެވެ.
“އަންނަ ހަފްތާގައި ސަރުކާރުން 500 މިލިއަން ރުފިޔާ އެބަ ދޫކުރަން ދިވެހި ކުންފުނިތަކަށް. މީގެތެރޭގައި ކުދި އަދި މެދުފަންތީގެ ކުންފުނިތައް ހިމެނޭ. ސަރުކާރުން މަސައްކަތްކުރުވާފައި ފައިސާ ނުދީ އެތައް ކުންފުންޏެއް އެބަހުރި.” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފެނަކަ، އާރްޑީސީ، އެމްޓީސީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކުން، އަމިއްލަ ކުންފުނިތައް މެދުވެރިކޮށް މަސައްކަތްކުރުވާފައި ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ ހުރި ކަމަށެވެ. މި ހުރިހާ ފައިސާއެއް ރޯދަމަހުގެ ކުރިން ދައްކާ ޚަލާސްކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި 200 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރޭގައި ދިވެހި ކުންފުނިތަކަށް ދައްކަންޖެހޭ 9000 މިލިއަން ރުފިޔާ ހިމެނެއެވެ. ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މި ފައިސާގެ ތެރެއިން 6.6 ބިލިއަން ރުފިޔާ ވަނީ ދައްކާފައެވެ.

