ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދު އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި، މިއަދު ގދ. ހޯޑެއްދޫ އާއި ނަޑެއްލާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް އެ ދެރަށުގެ ކައުންސިލާ ހަވާލުކޮށްފިއެވެ.
މިއަދު ހެނދުނު ގދ. ހޯނޑެއްދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި ބީއެމްއެލްގެ އޭޓީއެމް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލް ރައީސް ޙުސައިން ވާރިޝްއެވެ.
އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވި ދެވަނަ މަންޒިލު ކަމުގައިވާ ނަޑެއްލާގައިވެސް އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި ދެ ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލާ ހަވާލުކުރުމަކީ އެ ދެ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހުވަދު އަތޮޅުގެ 9 ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވެއެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅު، ރަށު އަދި ސިޓީ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރުފުޅެކެވެ.
ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރިއަށް ގެންދަމުންނެވެ.

