ހެޑްލައިން: މަތީ ތަޢުލީމުދޭ މަރުކަޒުތައް އައު ދަފްތަރުގައި ރަޖިސްޓްރީނުވާނަމަ ކޯސްތައް ޤަބޫލު ނުކުރާނެ ކަމަށް އެމްކިޔުއޭ އިން ބުނެއްޖެ
މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކުގެ އައު ދަފްތަރުގައި ރަޖިސްޓްރީ ނުވާނަމަ، އެ މަރުކަޒުތަކުން ހިންގާ ކޯސްތައް ޤަބޫލު ނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން މިއަދު ވިދާޅުވެއްޖެއެވެ.
އެމްކިޔުއޭއިން ޕީއެސްއެމް ނިއުސްއަށް ދެއްވި މަޢުލޫމާތުގައި، ކުރީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 101 މަރުކަޒެއް އަދިވެސް އައު ދަފްތަރުގައި ރީ-ރަޖިސްޓްރީ ނުވާކަމަށް ވިދާޅުވިއެވެ. މި މަރުކަޒުތަކުން ހިންގާ ކޯސްތައް އެމްކިޔުއޭއިން ޤަބޫލުނުކުރާނެކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކުގެ ދަފްތަރެއް މީގެ ކުރިންވެސް އޮތްނަމަވެސް، ސަރުކާރު ބަދަލުވުމާ ގުޅިގެން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އައު ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވެއެވެ.
އެމްކިޔުއޭއިން އިތުރަށް ވިދާޅުވީ، ކުރީގެ ދަފްތަރުގައި ހުއްދަ ދީފައިވާ މަރުކަޒުތަކުން ކޯހެއް ފުރިހަމަކުރުމަށްފަހު، އެމްކިޔުއޭއަށް ބެޗް އޮޑިޓަށް ފޮނުވާފައިވާ ދަރިވަރުންގެ ސަނަދު ޤަބޫލުކުރާނެ ކަމަށެވެ.
މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން، މަރުކަޒުތަކުން ހިންގާ ކޯސްތަކުން ދޫކުރާ ސަނަދު އެމްކިޔުއޭއަށް ޤަބޫލުކުރެވޭނީ އެ މަރުކަޒަކީ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން އެކުލަވާލާ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މަރުކަޒަކަށްވާނަމަ އެކަންޏެވެ.

