ހުވަދުއަތޮޅަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިއަދު ގދ.ފިޔޯރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށުގެ ކުރިމަގާމެދު ރައްޔިތުން ކުރާ އުންމީދުތަކަށް އައު ފުރުސަތުތަކެއް ހުޅުވާލައްވައިފިއެވެ.
މި ބައްދަލުވުމުގައި ރައްޔިތުންނާ މުހާތަބުކުރައްވައި، ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ސަމާލުކަން ދެއްވައި، އެކަންކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ރައިސް ޑރ. މުޢިއްޒު ފިޔޯރީއަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުން އެމަނިކުފާނަށް މަރުޙަބާ ކިއުން: ފޮޓޯ/ ރައިސް އޮފީސް
އެގޮތުން، ގދ. ފިޔޯރީގައި މަސްކިރާ ފެކްޓްރީއެއް ޤާއިމުކުރުމަށް އަންނަ ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރައްވާނޭކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި ފެބްރުއަރީ މަހު ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރާ އެއްބަސްވުމުގެ ދަށުން، 3000 ޓަނުގެ މަސްކިރާ ފެކްޓްރީއެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް، ސޮއިކުރާތާ ދެ މަސް ތެރޭ ފަށާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފިޔޯރީގައި ޤާއިމުކުރާ މަސްކިރާ ފެކްޓްރީ ވެގެންދާނީ، ދުވާލަކު 100 ޓަނުގެ ދަޅުމަސް ބަންދުކުރެވޭ، 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ހުންނަ، އަދި 50 ޓަނުގެ އައިސް ޕްލާންޓެއް ހިމެނޭ ކާރުޚާނާއަކަށް ކަމަށެވެ. އެމަނިކުފާނު ރައްޔިތުންނަށް ޔަޤީން ކޮށްދީފައިވަނީ ރައްޔިތެއްގެ ކުރިމަތީގައި، ފުއްދެވުމުގެ ނިޔަތުގައި، ފުއްދަވައިދެއްވޭނޭކަމުގެ ޔަޤީންކަން އޮވެގެން މެނުވީ ވަޢުދެއް ވެވަޑައިނުގަންނަވާނޭކަމަށެވެ.
ފިޔޯރީގެ ކަމާ ގުޅޭ އިދާރާތަކުން ހިއްސާކުރެއްވި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވަމުން، ސްކޫލް ހޯލު އަލުން އެޅުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، މި އަހަރު މަލްޓިޕަރޕަސް ހޯލެއް ބިނާކުރައްވައި، ކްލާސް ރޫމާއި ލެބް ޤާއިމުކުރައްވާނޭ ކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.
އޭޓީއެމްގެ މައްސަލައަށް އިޝާރާތްކުރައްވަމުން ރައީސް ވަނީ، އޭ.ޓީ.އެމް ވަޢުދު އިރާދަކުރެއްވިއްޔާ ފުއްދަވާނޭކަމަށް ވިދާޅުވެފައެވެ. އަދި 2025ގެ ބަޖެޓުގައި އެކަށައަޅާފައިވާ އިސްކަންދޭ ތަރުތީބުގެ ތެރެއިން، ސްކޫލްގެ މައްސަލަތަކާއި، ކުނި ނައްތާލުމުގެ ނިޒާމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމުގެ ޔަޤީންކަން ރައީސް ވަނީ ފިޔޯރީގެ ރައްޔިތުންނަށް ދެއްވާފައެވެ.
މި ދަތުރުފުޅުގައި ފިޔޯރީ ހިމެނޭގޮތަށް ހުވަދު އަތޮޅުގެ ޖުމްލަ 9 ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ރައީސް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.
ރައީސް ހުވަދުއަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

