ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމަށްވާ މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށިތާ އެއް މަސްދުވަސްތެރޭ، 4،540 މެޓްރިކް ޓަނުގެ މަހަށް 52،642،458 ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މިފްކޯއިން މަޢުލޫމާތު ދީފިއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ މި ވަޢުދު ފުއްދުމާ އެކުގައެވެ. މީގެ ކުރިން މަސްވެރިންގެ އެއް ކަންބޮޑުވުމަކަށް އޮތީ ބާނާ މަހަށް ޤަވާޢިދުން ފައިސާ ނުލިބުމެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މަސްވެރިންނަށް 250 މިލިޔަން ރުފިޔާ ނުދެވި އޮތް ކަމުގައި ވިޔަސް ވެރިކަމުގެ ފުރަތަމަ އަހަރު އެކަނިވެސް ބިލިޔަނެއްހައި ރުފިޔާ މަސްވެރިންނަށް މިފްކޯއިން ދޫކޮށްފައިވާއިރު މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ދީ ޚަލާސްކޮށްފައެވެ.
ޑިސެމްބަރު މަހުން ފެށިގެން މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފަށާފައިވާއިރު، އެންމެ ފަހުން ޖެނުއަރީ 6 ވަނަ ދުވަހު ކިރުވި 403 މެޓްރިކް ޓަނުގެ މަހަށް 4.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދެއެވެ. މީގެ ތެރޭގައި ރާއްޖޭގައި މަސް ރައްކާކުރުމުގެ ޤާބިލުކަން ދެގުނަ ކުރުމާއި، ޕްރޮސެސިންގ ފެސިލިޓީތަކުގެ މަސައްކަތްތައް ހިމެނެއެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާޢަތަށް ހެދުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

