ދަރިވަރުންތަކަކަށް ގްރޫމްކުރި ކަމުގެ ތުހުމަތުގައިވާ ޓީޗަރެއް އަލުން ބަންދުކުރުމަށް ހައި ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ އަހަރު އޮކްޓޯބަރު މަހު 27 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވުނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކޯޓުން ފުރަތަމަ 20 ދުވަސް ދިންއިރު، ދެވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް އިތުރު 30 ދުވަސް ދީފައިވެއެވެ.
އެހެންނަމަވެސް މި މުއްދަތު ހަމަނުވަނީސް އަތޮޅުތެރޭ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން ވަނީ ވަކި ޝަރުތުތަކާއެކު އޭނާ ދޫކޮށްލުމަށް ނިންމާފައެވެ. ދައުލަތުން ވަނީ ކޯޓުގެ މެޖިސްޓްރޭޓް ނެރުއްވި އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އޭނާގެ މައްޗަށް ކުރި ހުކުމުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ފާހަގަކޮށްފައެވެ.
އަދި ކުރިން މިފަދަ ތުހުމަތެއް ނެތް ނަމަވެސް، އެހެން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި، އަދި ފުލުހުން ހުށަހެޅި ލިޔެކިޔުންތަކަށް ބަލާއިރު ތުހުމަތުކުރެވޭ ޓީޗަރުގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރީ ކުޑަކުދިންނަށް ރައްކާތެރި ގޮތަކަށް ނޫންކަމަށް ބުރަވެވޭތީ، ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ނިންމުން ބަދަލުކޮށްފައެވެ.
އެގޮތުން އިތުރު ގޮތެއް ނިންމަންދެން 7 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ. އަދި ޕީޖީން އެ މައްސަލަ އަލުން މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅަން ވެސް ވަނީ އަމުރުކޮށްފައެވެ.

